23 ޖެނުއަރީ 2025

ލޮސްއެންޖެލިސް ގައި އިތުރު ބޮޑު އަލިފާންގަނޑެއް ރޯވެ 500 ގައިދީންނާ އެކު އެތައް ހާސް ބަޔަކު ރައްކާތެރި ހިސާބުތަކަށް ގެންދަންޖެހިއްޖެ

ވިޝާން އަޙްމަދު
13 ގަޑިއިރު ކުރިން

އެމެރިކާގެ ލޮސްއެންޖެލިސްގައި ރޯވެފައިވާ އަލިފާންގަނޑު ކޮންޓްރޯލް ނުކުރެވި ކާސްޓިކް ކޯރު ސަރަހައްދުގައި އިތުރު ބޮޑު އަލިފާން ގަނޑެއް ރޯވުމާ ގުޅިގެން އެސަރަހައްދުގެ ޖަލަކުން 500 ގައިދީންނާ އެކު އެތައް ހާސް ބަޔަކު ރައްކާތެރި ހިސާބުތަކަށް ގެންދަން ޖެހިއްޖެއެވެ.

އެމެރިކާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ބާރުގަދަ ހޫނު ވައިގެ ސަބަބުން ކާސްޓިކް ކޯރު ކައިރީ ހުންނަ ފަރުބަދަތައް މަތީގައި އިއްޔެ ރޯވި އަލިފާންގަނޑު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ތެރޭގައި 8،000 އޭކަރު (3،200 ހެކްޓަރު) އަށް ވުރެ ބޮޑު ސަރަހައްދަށް ވަނީ ފެތުރިފައެވެ. އަދި އެމެރިކާގެ ލޮސް އެންޖެލިސްގެ އުތުރުން 35 މޭލު ދުރުގައި އޮންނަ ސެންޓާ ކްލެރިޓާ ސިޓީ ކައިރީގައި އޮންނަ ކާސްޓިކް ކޯރުގެ ވަށައިގެން ވާ ސަރަހައްދުން ގާތްގަނޑަކަށް 31،000 މީހުން ހުސްކުރަން ވަނީ އަންގައިފަ އެވެ.

އެ ސަރަހައްދުގައި ރޯވި މި އާ އަލިފާނުގެ ހާދިސާއަށް ކިޔަނީ ހިއުސް އަލިފާނުގެ ހާދިސާއެވެ. ލޮސް އެންޖެލިސް ކައުންޓީ ޝެރިފް ޑިޕާޓްމަންޓްގެ ރޮބަޓް ޖެންސެން ވަނީ މިހާރުން މިހާރަށް މީހުން ހުސްކުރުމަށް އިލްތިމާސްކޮށްފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި "ޕަލިސޭޑްސް އާއި އީޓަންގެ އަލިފާނުގެ ހާދިސާތަކުގައި އެ އަމުރުތަކަށް އަމަލު ނުކުރުމުގެ ސަބަބުން ލިބުނު ގެއްލުން ވަނީ ތަޖުރިބާ ކުރެވިފައެވެ.

ލޮސް އެންޖެލިސް ކައުންޓީގެ ޝެރިފް ރޮބަޓް ލޫނާ ވިދާޅުވީ އަލިފާނުގެ ހާދިސާގެ ސަބަބުން ކަސްޓައިކްގެ ޕިޗްސް ޑިޓެންޝަން ސެންޓަރު ނުރައްކަލަށް ހުށަހެޅިފައިވާތީ، ގާތްގަނޑަކަށް 500 އެއްހާ ގައިދީން އެހެން ފެސިލިޓީއަކަށް ގެންދިއުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

އެމެރިކާގެ ލޮސް އެންޖެލިސް، ރިވަސައިޑް އަދި ސެން ޑިއޭގޯ ކައުންޓީގެ ބައެއް ސަރަހައްދުތަކުގައި ހިނގި އަލިފާނުގެ ހާދިސާތަކާ ގުޅިގެން މުޅި ދެކުނު ކެލިފޯނިއާ ސަރަހައްދު އަދިވެސް އޮތީ ހައި އެލާޓްގަ އެވެ.  އަދި އެމެރިކާގެ މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފައިވަނީ ބާރުގަދަ ވައިގެ (ސަންޓާ އަނާގެ ވައިގެ) ސަބަބުން ފަރުބަދަމަތީ ސަރަހައްދުތަކަށް 50 މޭލާއި 75 މޭލާއި ދެމެދުގެ ބާރު މިނެއްގައި ވައިޖެހެމުންދާކަމަށެވެ.

An error has occurred. This application may no longer respond until reloaded. Reload 🗙