23 ޖެނުއަރީ 2025

ޑރ. މުޢިއްޒަކީ ދިވެހިންނަށް ލިބޭނެ އެންމެ އޯގާތެރި ރައީސް: ފަލާހު

އަޙްމަދު ފައުޒާން
8 ގަޑިއިރު ކުރިން

ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ދިވެހިންނަށް ލިބޭނެ އެންމެ އޯގާތެރި ރައީސް ކަމަށް، ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

މި ވާހަކަތައް ފަލާހު ވިދާޅުވެފައިވަނީ ރައީސް މުއިއްޒު ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިރޭ އިންނަމާދޫގައި ބޭއްވި ޖަލްސާގަ އެވެ.

"މީގެކުރިން ވެސް ރައީސަކާއެކު މަސައްކަތް ކުރިން. އެހެންނަމަވެސް ރައީސް މުއިއްޒު ވަރުގެ އޯގާތެރި ވެރިއަކު ދިވެހިންނަށް ނުފެންނާނެ،" ފަލާހު ވިދާޅުވި އެވެ.

ފަލާހު ފާހަގަކުރެއްވި ގޮތުގައި ކުރިއަށް އޮތް ތަނުގައި ދިވެހިންނަށް ފެނިގެންދާނީ ޤައުމު ކުރިއަރުވާ، ޤައުމުގައި ހުރި މައްސަލަތައް ހައްލުކުރާނެ ވެރިއެކެވެ. އަދި މީގެކުރިން ވެރިން ކުރަން ބޭނުންވި ނަމަވެސް ދެވަނަ ދައުރެއްގެ ދަހިވެތިކަމުގައި ނުކުރެވި ހުރި އެތައް ކަމެއް ރައީސް މުއިއްޒުގެ ވެރިކަމުގެ އެއް އަހަރުތެރޭ ހައްލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިނގުރައިދޫ ދާއިރާގެ މެންބަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ތަރައްޤީއަކީ ހަމައެކަނި ރަށެއްގައި ހިންގާ މަޝްރޫޢުތަކެއް ނޫނެވެ. އޭގެ ބަދަލުގައި ދިވެހި މުޖުތަމަޢުގެ ތެރޭގައި ހުރި މަސްތުވާތަކެއްޗާއި އެނޫންވެސް ނުބައި އާދަތައް ހައްލުކުރެވިއްޖެނަމަ ޤައުމުގެ މުސްތަޤުބަލު އުޖާލާވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް މުއިއްޒުގެ ރ. އަތޮޅު ދަތުރުފުޅުގައި ގިނަ ރަށްތަކެއްގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެރަށްތަކުގެ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވަމުން ގެންދަވަ އެވެ.

An error has occurred. This application may no longer respond until reloaded. Reload 🗙