23 ޖެނުއަރީ 2025

ފައިނުގައި އެއާޕޯޓް އެޅުމުގެ މަސައްކަތް އެމްޓީސީސީއަށް

އަޙްމަދު ފައުޒާން
6 ގަޑިއިރު ކުރިން

ރ. ފައިނުގައި އެއާޕޯޓު އެޅުމުގެ މަސައްކަތް އަންނަ މަހު އެމްޓީސީސީއާ ހަވާލުކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރ. އަތޮޅުގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ފައިނު ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ފައިނުގައި އެއާޕޯޓެއް އެޅުމަކީ އެ ރަށުގެ އިތުރުން އެ ސަރަހައްދުގެ ރައްޔިތުންގެ ވަރަށް ބޮޑު އުއްމީދެއްގެ އިތުރުން އިގްތިސާދީ ކުރިއެރުމުގައި މުހިއްމު ދައުރެއް އަދާކުރާނެ ކަމެއް ކަމަށެވެ.

އެހެންވެ އެއާޕޯޓް އެޅުމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށުމަށް ނިންމާފައިވާކަން ހާމަކުރެއްވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އެއާޕޯޓު އަޅާ ސަރަހައްދަކީ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތްތައް ކޮށްފައިވާ ސަރަހައްދަކަށް ވާތީވެ ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ. އެއާޕޯޓު އަޅަން ބޭނުންވާ ސަރަހައްދުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފެނާއި ނަރުދަމާ މަޝްރޫއުގެ ބައެއް ކަންކަން ކުރިއަށް ގެންދިޔައީ އެއާޕޯޓް އެޅުމަށް ހުރަސް އެޅުމުގެ ގޮތުންކަން ރައީސް ފާހަގަ ކުރެއްވި އެވެ.

އެންމެ ކުޑަ ހަރަދެއް ކޮށްގެން ކުރެވޭނެ ގޮތަށް އެއާޕޯޓު އެޅުމަށް ބޭނުންވާ ޖާގަ ހުސްކޮށް ފެނާއި ނަރުދަމާ ނުހުއްޓި، ހިދުމަތް ނުހުއްޓި ކުރިއަށް ގެންދެވޭ ގޮތަށް ތަރުތީބުކޮށްގެން ވަރަށް އޮމާންކޮށް މަސައްކަތް ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން ތިބޭފުޅުންނަށް އަރުވަން" ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެއާޕޯޓް އެޅިގެން ދިޔުމުން އެ ސަރަހައްދަށް ގިނަ ރިސޯޓްތަކެއް އައުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށާއި، ޓޫރިޒަމް އިންޑަސްޓްރީއަށް އިތުރު ކުރިއެރުމެއްވެސް ލިބޭނެ ކަމަށެވެ.

ފައިނުގައި އެއާޕޯޓެއް އެޅުމަށް ރައީސް ނިންމެވީ ހުސްވި އަހަރުގެ މާޗު މަހު ނެރެއްވި ގަރާރަކުންނެވެ.

އެ ގަރާރަކީ އާންމު މަންފާއަކަށްޓަކައި ހާސިލުކުރަން ބޭނުންވާ އިގްތިސާދީ ސިޔާސަތެއްގެ ދަށުން ހިންގާނޭ މުހިންމު މަޝްރޫއުތައް ކަނޑައެޅުމުށް ނެރެފައިވާ ގަރާރެކެވެ.

An error has occurred. This application may no longer respond until reloaded. Reload 🗙