5 ޑިސެމްބަރު 2025

އިނގުރައިދޫ ކޮޅަށް ގަމު ފުޓްސެލް ޓީމުން ޖެހި 10 ގޯލަށް 10 ހާސް ރުފިޔާ!

ނުހާ
9 މަސް ކުރިން

ހިނގަމުންދާ ފޯރިގަދަ ގޯލްޑަން ފުޓްސެލް މުބާރާތުގައި ރައުންޑް އޮފް 16 މަރުހަލާގެ މެޗުތަށް ނިމުނުއިރު، ލ. ގަމު ފުޓްސެލް ޓީމުން އިނގުރައިދޫ ބަލިކުރުމާއެކު، ގޯލްޑަން ފުޓްސެލް މުބާރާތުގެ ކުއަރޓަރ ފައިނަލުގެ ޖާގައެއް ލ. ގަމުން ކަށަވަރުކޮށްފިއެވެ. ލ. ގަމު ފުޓްސެލް ޓީމުގެ މިކާމިޔާބީގެ ހަދިޔާއަކަށް މަޝްހޫރު ދިފާއީ ވަކީލު، ޝަޒީމު ވަނީ އޭނާގެ ވައުދާ އެއްގޮތަށް އެ ޓީމަށް ދިހާހާސް ރުފިޔާ ހަދިޔާކޮށްފައެވެ. ވަކީލު ޝަޒީމުއަކީ ލ. ގަމު ފުޓްސެލް ޓީމުގެ ޑައިހާޑް ސަޕޯޓަރެކެވެ.  
ފޭސްބުކްގައި ވަކީލު ޝަޒީމުގެ ފަރާތުންވަނީ ރ. އިނގުރައިދޫ ބަލިކޮށްފިނަމަ، 10 ހާސްރުފިޔާ ޓީމަށް ހަދިޔާކުރާނެކަމުގައި މެޗު ފެށުމުގެ ކުރިންވެސް ބުނެފައެވެ. މިއާއެކު، އެޕޯސްޓް ޝެއަރކުރި މީހުންގެ އަދަދު ގިނަވެ، މީޑިއާ އަދި ގިނަ ބައެއްގެ ސަމާލުކަމަށް އެކަން އައިސްފައިވެއެވެ. ޚާއްޞަކޮށް، ރ. އިނގުރައިދޫ އާއި އެންމެ ވާދަވެރި ރ. ދުވާފަރު ސަޕޯޓަރުން ވެސް ވަކީލު ޝަޒީމްގެ ޕޯސްޓް ޝެއަރކޮށްފައިވާއިރު، މިޕޯސްޓާއި ގުޅިގެން މިދެޓީމުގެ ސަޕޯޓަރުންގެ މެދުގައި ސޯޝަލް މީޑިއާގައި ބަހުގެ ހަމަލާތަކެއް ވެސް ދައުރުވަމުންދިޔައެވެ.

ލ. ގަމުގެ ނަމޫނާ މެނޭޖަރ ސަމާޙް އާއި މިނޫހުން ސުވާލުކުރުމުން ބުނެފަވަނީ ޓީމަށް ހެޔޮ އެދޭ ފަރާތްތަކާއި ސަޕޯޓަރުންގެ ފަރާތުން އިތުރު އެހީއާއި ތަރުހީބު ވަރަށް ބޮޑަށް ބޭނުންވާކަމަށެވެ. ޚާއްޞަކޮށް، މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޭއްވޭ މިފަދަ ވާދަވެރި ބޮޑު ފުޓުސެލް މުބާރާތެއްގައި ކާމިޔާބު ލިބޭނީ ކަށިން ހިތްވަރު ނެރެގެންކަމަށާއި، އެކަން ވާނީ އެތައް ބައެއްގެ އެހީއާއެކުކަމުގައިވެސް ޓީމުގެ މެނޭޖަރުވަނީ ބުނެފައެވެ.
"އަޅުގަނޑުމެންގެ ޓީމަށް މިހާރުވެސް ސަޕޯޓަރުންގެ ފަރާތުން ގިނަ ތަރުހީބާއި އެހީތަކެއް އެބަލިބޭ. ލ. ގަމު ޓީމުގެ ސަޕޯޓަރުންނަކީ ނަމޫނާ ބައެއް. މިހާ ހިސާބުން އަދި ނިންމާލާކަށް ބޭނުމެއް ނޫން. އަދިވެސް އިތުރު ފަރާތްތަކުގެ އެހީތެރިކަމާއެކު މުބާރާތުގެ ޗެމްޕިއަންކަން ހޯދަން ބޭނުންވަނީ. ރަށުގެ ވިޔަފާރިވެރިންނާއި އަމިއްލަ ވަކިވަކި ފަރުދުންގެ އެހީތެރިކަންވެސް ޓީމަށް ނުހަނު މުހިންމު. މުޅި ރާއްޖެ ފެންވަރުގައި ބޭއްވޭ އެންމެ ބޮޑު ފުޓުސެލް މުބާރާތަކީ މިވަގުތު އެންމެ ފެންވަރު ރަނގަޅު ކޮލިޓީ ފުޓްސެލް މުބާރާތް. ވީމާ، ރަށް ތަމްސީލުކުރާއިރު އެންމެންގެ ބައިވެރިވުން ވަރަށް ބޮޑަށް ބޭނުންވާނެ." މިނޫހުން ކުރި ސުވާލަކަށް ފޯނުން ޖަވާބުދެމުން ޓީމުގެ މެނޭޖަރ ސަމާހު ބުނެފައިވެއެވެ.

ލ. ގަމަކީ ގޯލްޑަން ފުޓްސެލް މުބާރާތުގެ އެންމެ ކާމިޔާބު އެއް ޓީމެވެ. އަދި، މިފަހަރުގެ މުބާރާތުގައިވެސް އެންމެ ހުނަރުވެރި ކުޅުންތެރިން ގިނަ ޓީމުވެސް މެއެވެ. މިވޭތުވެދިޔަ ދެމުބާރާތުގައިވެސް ލ. ގަމު ފުޓްސެލް ޓީމުވަނީ ފައިނަލުގައި ވާދަކޮށް، އޭގެ ތެރެއިން އެއްފަހަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ. އަދި، މިހިނގާ މުބާރާތުގެ ޗެރިޓީ ޝީލްޑްވެސް ލ. ގަމު ޓީމުންވަނީ ހޯދާފައެވެ.

An error has occurred. This application may no longer respond until reloaded. Reload 🗙