5 ޑިސެމްބަރު 2025

ދެން ހުށައަޅާނީ އިގްތިސާދު ކޮޅަށް ޖެހުމަށް ޚާއްސަ ބަޖެޓެއް ކަމަށް ލަންކާގެ ރައީސް ވިދާޅުވެއްޖެ

އަޙްމަދު ފައުޒާން
9 މަސް ކުރިން

ދެން ހުށައަޅާނީ އިގްތިސާދު ކޮޅަށް ޖެހުމަށް މަގުފަހި ވެގެންދާނެ ބަޖެޓެއް ކަމަށާއި 2028 ވަނަ އަހަރުން ފެށިގެން ދަރަނިތައް ދައްކަން ފެށޭނެ ކަމަށް ސްރީލަންކާގެ ރައީސް ވިދާޅުވެއްޖެއެވެ. 

2022ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ސްރީ ލަންކާ ވަނީ އިޤްތިޞާދީ އަނދަވަޅަކަށް ވެއްޓިފައެވެ. ދައުލަތުގެ ރިޒާވް ދަށްވުމުން ލޯނު ޢަދާ ނުކުރެވޭ ވަރަށް އެ ޤައުމުގެ މާލީ ޙާލަތު ގޯސްވެ އެ ޤައުމަށް ޖެހުނީ އިޤްތިޞާދީ ކާރިޘާއަކާ ކުރިމަތިލާށެވެ. 22 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ސްރީ ލަންކާއަށް ބޭރު ޤައުމުތަކުން އެތެރެ ކުރާ ޒަރޫރީ ސާމާނު ކަމުގައިވާ ތެލާއި ބޭހާއި ގޭހަށް ވެސް ފައިސާ ނުދެއްކޭ ވަރަށް ޤައުމުގެ ޙާލަތު ގޯސްވިއެވެ. ޤައުމުގެ ޙާލަތާމެދު ހިތްހަމަނުޖެހި ޢާންމުން މުޒާހަރާ ކުރަން ފެށުމުން އޭރުގެ ރައީސް ގޮތަބަޔަ ރާޖަޕަކްސައަށް ޖެހިވަޑައިގަތީ ފިއްލަވާށެވެ. އޭނާ ފަހުން ވަނީ ރައީސްގެ މަޤާމުން އިސްތިޢުފާ ދެއްވާފައެވެ.

މިދިޔަ އަހަރުގެ ތެރޭގައި ސްރީ ލަންކާގެ ރައީސްގެ މަޤާމާ ޙަވާލުވެވަޑައިގެންނެވި ދިސާނަޔަކަގެ އިސްތަށިފުޅުގައި އެޅިފައިވާ އެންމެ ބޮޑު ޒިންމާ އަކީ ޤައުމުގެ މާލީ ޙާލަތު ރަނގަޅު ކުރެއްވުބް ކަމުން، އެމަނިކުފާނުގެ ޒައާމަތުގައި އަލަށް ހުށަހަޅާފައިވާ ބަޖެޓަކީ މާލީ ވަޒީރުގެ މަޤާމު ވެސް ޢަދާ ކުރައްވާ ދިސާނަޔަކަ ޤައުމު އަލުން ކޮޅަށް ޖެއްސެވުމަށް ކުރައްވާ މަސައްކަތުގެ އެންމެ މުހިންމު އެއް ބައެވެ.

ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލީހާ މުޚާތަބު ކުރައްވައި ދެއްވި ހިޠާބެއްގައި ރައީސް ދިސާނަޔަކަ ވަނީ ކުރިއަށް އޮތް މާލީ އަހަރަށް ސްރީލަންކާގެ ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓާ ގުޅޭ ގޮތުން ވާހަކަ ދައްކަވާފައެވެ. ތިން ގަޑިއިރަށް ދެމިގެންދިޔަ ހިޠާބުގައި ރައީސް ދިސާނަޔަކަ ވިދާޅުވީ ސްރީލަންކާގެ މާލީ ޙާލަތު ރަނގަޅު ކުރުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު, އައިއެމްއެފުން އެހީގެ ގޮތުގައި. 2.9 ބިލިއަން އެމެރިކާ ޑޮލަރު ދެމުން ކުރި ޝަރުތުތަކާ އެއްގޮތަށް ހެޔޮ ބަދަލުތައް ގެންނަވާނެ ކަމަށެވެ. މި އަހަރުގެ ތެރޭގައި ސްރީލަންކާގެ އިޤްތިޞާދު ފަސް އިންސައްތައަށް ކުރި އަރާނެ ކަމަށް ލަފާ ކުރައްވާ ކަމަށާއި މެދު ރާސްތާގައި ވެސް އެ ޢަދަދު ދެމެހެއްޓޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ އިތުރުން ތަކެތީގެ އަގުތައް ބޮޑުވިޔަ ނުދީ އެއް ހަމައެއްގައި ހިފަހައްޓާ ފައިސާ ބަދަލުކުރާ ރޭޓުތައް ވެސް އެއް ހަމައެއްގައި ބެހެއްޓުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

2023ވަނަ އަަހަރުގެ މާޗު މަހުގެ ތެރޭގައި އައިއެމްއެފްގެ އެހީތެރިކަން ލިބުމާއެކު ލަންކާގެ އިޤްތިޞާދަށް ހެޔޮ ބަދަލުތައް އަންނަން ފެށީ އަންދާޒާ ކުރެވުނު ވަރަށް ވުރެ ހަލުވި ކޮށެވެ. 2022 ވަނަ އަހަރު ނިމުނު އިރު އެ ޤައުމުގެ ރިޒާވްގައި ހުރީ އެންމެ 1.9 ބިލިޔަން ޑޮލަރެވެ. ނަމަވެސް އެ ޤައުމުގެ ރިޒާވްގައި މި ވަގުތު 6 ބިލިޔަން އެމެރިކާ ޑޮލަރު އެބަހުއްޓެވެ. އެއީ ކުރިއަށް އޮތް ހަތަރު މަސް ދުވަހު އެ ޤައުމަށް ކޮންމެހެން ބޭނުންވާ މުދާ ހޯދުމަށް ފުދޭ ޢަދަދެކެވެ.

ރައީސް ވިދާޅުވީ ޒަމާނީ ދުނިޔެއާ އެއް ހަމަ ކުރުމަށް ސްރީ ލަންކާއަށް މިހާރު ލިބިފައިވާ ފުރުޞަތާ އެއްވަރުގެ ފުރުޞަތެއް މީގެ ކުރިން ލިބިފައި ނުވާ ކަމަށެވެ. އިޤްތިޞާދީ ކާރިޘާތަކާ ކުރިމަތިވުމުން އެހެން ޤައުމުތަކުން އެ ޙާލަތުން އަރައިނުގަނެވި އެތައް އަހަރެއް ހޭދަ ކުރާ ކަމަށް ފާހަގަ ކުރައްވަމުން ދިސާނަޔަކަ ވިދާޅުވީ ސްރީ ލަންކާގެ ޙާލަތު ތަފާތު ކަމަށާއި އެ ޤައުމުން ކުރިއެރުންތައް ހޯދަމުންދާ މިންވަރު ނިސްބަތުން އަވަސް ކަމަށެވެ. އެ ޤައުުމުގެ ޙާލަތު ކޮންމެވެސް ވަރަކަށް ރަނގަޅު ވެފައިވާ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

ރައީސް ދިސާނަޔަކަ އިތުރަށް ވިދާޅުވީ އައިއެމްއެފްގެ ލަފަޔާ އެއްގޮތަށް އުފެއްދުންތެރިކަމުގެ ނިސްބަތުގެ 2.3 އިންސައްތަ އިތުރު ޢަދަދެއް ޕްރައިމަރީ އެކައުންޓުގައި ދަމަހައްޓާނެ ކަމަށެވެ. އޭގެ އިތުރުން ދައްކަންޖެހޭ އެންމެހާ ދަރަނިތައް ދައްކާ ޚަލާސްކުރާނެ ކަން ސަރުކާރުން ޔަޤީން ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެއާއެކު ޤައުމުގައި ފަޤީރުކަމުގެ ނިޞްބަތް މަދުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އައު ބަޖެޓު އެކުލަވާލާފައި ވަނީ ވަކި އުސޫލެއްގެ ދަށުން ކަންކަން ހިންގުމުގެ ނިޔަތުގައި ކަމަށާއި ބަޖެޓު ބިނާ ކޮށްފައި ވާނީ އިޤްތިޞާދީ ތަސައްވުރާއި ލިބިފައިވާ އިރުޝާދުތަކުގެ މައްޗަށް ކަމަށް ރައީސް ދިސާނަޔަކަ ވަނީ ވިދާޅުވެފައެވެ. ޤައުމުގެ އިޤްތިޞާދު ހަމައަކަށް އުޅުވުމަށް އައިއެމްއެފުން ދެމުންދާ އެހީތެރިކަން ފާހަގަ ކުރައްވާ އޭނާ ވިދާޅުވީ އައިއެމްއެފުން އެހީތެރިކަން ދިން ނަމަވެސް ޤައުމުގެ މާލީ ކަންކަން ފަރުމާ ކުރުމުގެ މިނިވަންކަން ޤައުމަށް ވެސް ލިބެންޖެހޭ ކަމަށެވެ. ސްރީ ލަންކާއިން ބޭރުކުރާ މުދަލުގެ މިންވަރު އިތުރު ކުރުމުގެ ގޮތުން މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް އެ ޤައުމުން ފުޅާ ކުރާނެ ކަމަށާއި މުހިންމު ސިނާޢަތްތަކަށް އިންވެސްޓު ކުރުމަށް އިސްކަން ދޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

An error has occurred. This application may no longer respond until reloaded. Reload 🗙