އަޙްމަދު ފައުޒާންފަލަސްޠީނުގެ ޣައްޒާ އަލުން އާރާސްތު ކުރުމަށް 53 ބިލިޔަން އެމެރިކާ ޑޮލަރު ބޭނުންވާނެ ކަމުގައި އެކުވެރި ދައުލަތްތައް (އދ)އާއި ވިލާތުގެ އިއްތިޙާދު (އީޔޫ) އަދި ވަރލްޑް ބޭންކުން ބުނެފިއެވެ.
އެ އިދާރާތަކުން މި ކަން ހާމަކޮށްފައި ވަނީ، ޔަހޫދީ ފައުޖުން ހިންގި ލާއިންސާނީ ޤައުލުޢާންމުގައި އެ ސަހަރަށް ދީފައިވާ ގެއްލުންތައް ވަޒަން ކުރުމަށް ފަހު ތައްޔާރު ކުރި އިންޓެރިމް ރެޕިޑް ޑެމެޖް އެންޑް ނީޑްސް އެސެސްމެންޓް (އައިއާރްޑީއެންއޭ) ރިޕޯޓުގައެވެ. ޣައްޒާ އަލުން އަރާސްތު ކުރުމުގައި ޢަރަބީންނާއި ގަލްފުގެ ޤައުމުތަކުގެ ބައިވެރިވުން އޮންނާނެ ކަމަށް ބެލެވެއެވެ.
ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ލާއިންސާނީ ޢުދުވާނެއް ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. އެ ޤަތުލުޢާންމުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 61,700ށް އުފުލިފައިވާއިރު، އިތުރު 111,000 މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ. ޔަހޫދީންގެ ޤަތުލުޢާންމު މެެދުކަނޑައ
ިލާފައި ވަނީ، ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ޖަނަވަރީ 19ވަނަ ދުވަހު އަމަލު ކުރަން ފެށި އެއްބަސްވުމެއްގެ ދަށުންނެވެ.
ޣައްޒާގެ ޢުމްރާނީ ވަސީލަތްތަކުގެ ހާލަތު ވަޒަން ކުރުމަށް ފަހު ނެރުނު ރިޕޯޓުގައި އދއާއި އީޔޫ އަދި ވަރލްޑް ބޭންކުން ބުނީ އެ ސަހަރު އަލުން އާރާސްތު ކުރުމަށް، ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި 53.2 ބިލިޔަން އެމެރިކާ ޑޮލަރު ބޭނުންވާނެ ކަމުގައެވެ. އަދި، ފުރަތަމަ ތިން އަހަރުގެ ތެރޭގައި އޭގެ ތެރެއިން 20 ބިލިޔަން އެމެރިކާ ޑޮލަރު ބޭނުންވާނެ ކަމުގައެވެ. ޔަހޫދީންގެ ޢުދުވާނަށް ފަހު ޣައްޒާގެ ރައްޔިތުންގެ ކުރިމަތީގައި އޮތީ އެ ސަހަރު އާރާސްތު ކުރުމާއި، ޔަހޫދީން ބޭނުން ކޮށްފައިވާ ނުރައްކާތެރި ހަތިޔާރުތަކުގެ ތެރެެއިން ނުގޮވައި ހުރި ބޮން ފަދަ ހަތިޔާރު ހޯދައި، ނައްތައިލުމުގެ ބުރަ އަދި ނުރައްކާތެރި މަސައްކަތެވެ.
އދއާއި އީޔޫ އަދި ވަރލްޑް ބޭންކުން ނެރެފައި ވަނީ ވަގުތީ ރިޕޯޓެކެވެ. އެ އިދާރާތަކުން ބުނީ، ޣައްޒާ އާރާސްތު ކުރުމުގެ މަސައްކަތް ފެށުމަށް އެކަށީގެންވާ މާޙައުލެއް މި ވަގުތު އެ ސަހަރުގައި ނެތް ކަމުގައެވެ. އެއް ސަބަބަކީ، ޔަހޫދީންގެ ޢުދުވާނީ ޙަމަލާތައް މެދުކަނޑައިލުމަށް ފަހު ޣައްޒާގެ ވެރިކަން ދެން ބައްޓަން ކުރާނެ ގޮތެއް އަދި ސާފުވެފައި ނެތުމެވެ. އަދި، ދިފާޢީ އަދި ސަލާމަތީ ކަންކަން ދަމަހައްޓާނެ އިންތިޒާމުތަކެއް ހަމަޖެހިފައި ނެތުމެވެ.
އައިއާރްޑީއެންއޭ ރިޕޯޓުގައި ބުނެފައި ވަނީ، ޔަހޫދީންގެ ނިރުބަވެރި ޙަމަލާތަކުގައި ޣައްޒާގެ ރައްޔިތުން ދިރިއުޅޭ 292,000ށްވުރެ ގިނަ ގެދޮރާއި އިމާރާތްތައް ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ކަމުގައެވެ. އަދި، ޣައްޒާގެ ހަސްފަތާލުތަކުގެ ތެރެއިން %95ށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމުގައެވެ. ޣައްޒާގެ އިޤުތިޞާދު %83 ދަށަށް ގޮސްފައިވާ ކަން ވެސް އެ ރިޕޯޓުގައި ހާމަކޮށްފައިވެއެވެ.
ޣައްޒާ އާރާސްތު ކުރުމަށް ބޭނުންވާނެ ކަމަށް އެ އިދާރާތަކުން ދެކޭ 53 ބިލިޔަން އެމެރިކާގެ ޑޮލަރުގެ ތެރެއިން 29.9 ބިލިޔަން ޑޮލަރު ހޭދަވާނީ ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކާއި ޢުމްރާނީ ވަސީލަތްތައް އަލުން ބިނާ ކުރުމަށް ކަމުގައި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން، އިޖުތިމާޢީ އަދި އިޤުތިޞާދީ ގެއްލުން ފޫބެއްދުމަށް އިތުރު 19.1 ބިލިޔަން ޑޮލަރު ބޭނުންވާނެ ކަން ވެސް ރިޕޯޓުގައި ހާމަކޮށްފައިވެއެވެ. އޭގެ ތެރޭގައި ޞިއްޙީ، ތަޢުލީމީ އަދި ވިޔަފާރީގެ ދާއިރާ ތަރައްޤީ ކުރުން ހިމެނެއެވެ.