ތަޢުލީމަކީ ޤައުމުގެ މުސްތަޤްބަލަށްޓަކައި ކުރެވޭ އެންމެ އަގުހުރި އިންވެސްޓްމަންޓްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމާ ގުޅިގެން ފޮނުއްވެވި ޚިޠާބުގައި ވަ
ނީ ދިރާސީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ތަހުނިޔާއާއި ހެޔޮއެދުންތައް ކިޔަވާ ކުދީންނަށާއި, ބެލެނިވެރީންނަށް، އަދި ތަޢުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ހީވާގި މުދައްރިސުންނަށާއި, ޚިދުމަތްތެރީންނަށް ފޮނުއްވާފައެވެ.
މީގެ އިތުރުން ދަރީންނަށް ތަޢުލީމު ދިނުމަކީ, ޤައުމުގެ މުސްތަޤްބަލަށްޓަކައި ކުރެވޭ އެންމެ އަގުހުރި އިންވެސްޓްމަންޓު ކަމަށާއި އުނގަންނައިދިނުމަކީ، ދީނީ، ޤައުމީ، އިޖުތިމާޢީ އަދި އިންސާނީ ވާޖިބެއް ކަމަށް ވިދާޅުވެ، ތަޢުލީމީ ދާއިރާގެ ކުރިއެރުމާއި ކާމިޔާބީ އިތުރުކުރުމަށްޓަކައި ސަރުކާރުން ހުއްޓުމެއް ނެތި މަސައްކަތްކުރައްވަމުންދާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ވަސީލަތްތަކާއި ޖާގައިގެ ގޮތުން ފަހި ސްކޫލް މާޙައުލުތައް ޤާއިމުކޮށްދެއްވައި، ޓީޗަރުންނަށް އިތުރު ތަމްރީނާއި ފުރުޞަތުތައް ހޯދައިދެއްވާނެ ކަމަށެވެ.
އަދި، ތަޢުލީމީ ދާއިރާގެ ހުރިހާ ޚިދުމަތްތެރީންނަށްވެސް ރަނގަޅު މަގުތައް ފަހިކޮށްދީ، ބެލެނިވެރީން ފަޚުރުވެރިވާނެ މަތީ ނަތީޖާތަކެއް ހާސިލުކުރެވޭނެ ހުރިހާ އަމާޒަކ
ަށް ވާޞިލުވުމަށް ސަރުކާރުން ހިންމަތް ކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެއާއެކު ދަރީންނަށް އާރުލާ ތަޢުލީމެއް ދެވޭނީ، މުޅި މުޖުތަމަޢުގެ ބައިވެރިވުން އެކަމުގައި އޮވެގެން ކަމަށް ވިދާޅުވެ، އެކަން ހާސިލްކުރެވޭނީ، ކުދީންނަށް ދެވޭ ތަޢުލީމާއި ތަރުބިއްޔަތުގެ މަތީގައި ދެމި ތިބޭން ބާރުލިބޭ ނަމޫނާތަކެއް އަޅުގަނޑުމެން އެންމެންވެސް ދައްކައިގެން ކަމަށާއި ދަރިވަރުންގެ ޙައްޤުގައި ބެލެނިވެރީންނާއި އެދުރުގެތަކުންވެސް ގުޅިގެން މަސައްކަތްކޮށްގެން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ފެށުނު ދިރާސީ އައު އަހަރު، ދިވެހި ލޮބުވެތި ރައްޔިތުން އެއް ރޫޙެއްގައި ތަޢުލީމީ ދާއިރާގެ ކުރިއެރުމާއި ކާމިޔާބީއަށް މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންނަވާ ކަމަށާއި ޤައުމީ ނިސްބަތުގައި އަދި ދުނިޔޭގެ ނިސްބަތުގައިވެސް ކުދީން ހާސިލުކުރާ ނަތީޖާ އިތުރަށް ރަނގަޅުކޮށް، ކުދީންގެ ހުނަރުތައް ތަރައްޤީކުރުމުގައި އެއްބާރުލުން ދެއްވުމަށްވެސް އެދިވަޑައިގެންނެވިއެވެ.
އަދި އެއްވެސް ރަށެއްގައި ހުރި އެއްވެސް ކުއްޖަކު ބާކީވިޔަ ނުދީ، ތަޢުލީމު ދިނުމުގެ ޙައްޤު ހަމަހަމަކަމާއެކުއެކު ފޯރުކޮށްދިނުމަށް ސަރުކާރުގެ ލަޔާޤަތާއި ޤާބިލިއްޔަތު ތަންދިން އެންމެ މަތީ މިންވަރަކަށް މަސައްކަތްކުރައްވަމުންދާނެ ކަމުގެ ޔަގީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.
އެމަނިކުފާނުގެ ހިތާބުގައި ވަނީ ރާއްޖޭގެ ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރާ ހީވާގި މުދައްރިސުންނަށާއި، ޚިދުމަތްތެރީންނަށް ކަމަށްކަމޭ ހީކުރެއްވުމާއެކު، އިޚްލާޞްތެރި މަސައްކަތްތަކެއް ކޮށްދެއްވުމަށް އިލްތިމާސްކުރައްވާފައެވެ. އަދި އަޅުގަނޑުމެންގެ ލޮލުގެ ނޫރު ފަދަ ލޮބުވެތި ދަރީންނަށް ރަނގަޅު ތަޢުލީމާއެކު ހަރުދަނާ ތަރުބިއްޔަތެއް ދެއްވުމުގައި އެންމެ ހިނދުކޮޅެއްވެސް ފަރުވާކުޑަ ނުކުރުމަށް ބެލެނިވެރިންނަށް އެެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
މީގެ އިތުރުން ކިޔެވުމަށް ޚާއްޞަކޮށް ޢުމުރުގައި ލިބޭ ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ހިފައި، ބަސްއަހައި ހެޔޮލަފާ ދަރީންތަކެއްކަމުގައި ވުމަށް ހުރިހާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރެއްވިއެވެ.