logo minivan

English

ހޮނިހިރު, 27 ޖުލައި 2024
ސާބާ ޗެމްޕިއަންޝިޕް، ދިވެހި ޓީމްގެ އިއްކޮ ބޯޅައާއެކު - ފޮޓޯ: އަދަދު

އިއްކޮ އާއި ރިޝްމާގެ ކްލަޗް ޕޮއިންޓްތަކުން ދިވެހި ޓީމް ނޭޕާލްގެ މައްޗަށް މުހިއްމު މޮޅެއް ހޯދައިފި

ރާއްޖޭގައި ބޭއްވޭ ބާސްކެޓްބޯޅައިގެ ފުރަތަމަ އަންހެން އިންޓަރނޭޝަނަލް މުބާރާތް، ސާބާ ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗު ދިވެހިރާއްޖެ ކާމިޔާބުކޮށްފިއެވެ. ސައުތް އޭޝިއަން ބާސްކެޓްބޯލް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި ދިވެހިރާއްޖެ ނިކުތީ ވާދަވެރި ނޭޕާލް އާއި ދެކޮޅަށްށެވެ.

މިމެޗު ދިވެހި ޓީމުން ކާމިޔާބުކުރީ ފަހަތުން އަރާ 51 – 47 ޕޮއިންޓުނެވެ. މިމެޗު ނިމެން ދެމިނެޓަށް ވެފައިވީއިރު ނޭޕާލް ޓީމުން އޮތީ 4 ޕޮއިންޓުން ކުރީގައެވެ. އެހެންނަމަވެސް މެޗުގެ ނަތީޖާ އަނބުރާލީ މެޗުގެ އެންމެ ފަހު ވަގުތުކޮޅުގެ ތެރޭގައި ޓީމުގެ އެންމެ ސީނިއާރ ކުޅުންތެރިއާ ފާތިމަތު ރިޝްމާގެ މޮޅު ކުޅުމުންނެވެ. މެޗުގެ ފަހު ކޮޅު ދިވެހި ޓީމަށް ނަތީޖާ ހަމަހަމަކޮށްދޭން ރިޝްމާ ވަނީ ނޭޕާލް ކުޅުންތެރިން އަތުން ދެފަހަރަ ބޯޅަ ހޯދާ ދެ ބާސްކެޓް ކާމިޔާބުކޮށް، ލިބުނު އެންޑް ވަންގެ(ބާސްކެޓާއެކު އިދިކޮޅު ޓީމުން ކުރި ފައުލްއަށް ލިބުނު 1 ފްރީ ތްރޯ) ބޭނުންހިފާ ޖުމްލަ ފަސް ޕޮއިންޓް ޓީމަށް ހޯދައިދީ ނަތީޖާ ހަމަ ހަމަކޮށްދީފައެވެ. އަދި މެޗުގައި ދިވެހި ޓީމުން ލީޑް ނެގީ މުޅި މެޗުގައިވެސް ތަފާތު ކުޅުމެއް ދެއްކި ޓީމުގެ އެންމެ މުހިއްމު އެއްކުޅުންތެރިއާ އައިމިނަތު އިސްރާއު (އިއްކޮ) ކާމިޔާބުކޮށްދިން ތިން ޕޮއިންޓުންނެވެ.

ސާބާ ޗެމްޕިއަންޝިޕްގައި ވާދަކުރީ ދިވެހި ޤައުމީ ބާސްކެޓްބޯލް ޓީމް – ފޮޓޯ: އެމް.ބީ.އޭ

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗު ފަށައިގެން ލީޑުގައި ކުޅެމުންދިޔައީވެސް ދިވެހި ޓީމުންނެވެ. ދެ ޓީމުންވެސް ގިނަ ބާސްކެޓްތަކެއް މިސްކުރި އަދި ގިނަ ޓާންއޯވާތަކެއް ފެނިގެންދިޔަ މެޗުގެ ފުރަތަމަ ކުއާޓަރ ނިމުނުއިރު ދިވެހި ޓީމުން 2 ޕޮއިންޓްގެ ލީޑެއް ނެގިއެވެ. އެއީ 16 – 14 އިންނެވެ. ދެވަނަ ކުއާޓަރ ނިމުނުއިރު ފަރަގު ވަނީ އެންމެ ޕޮއިންޓަކަށް ކުޑަވެފައެވެ. އެއީ 25 – 24 އިންނެވެ. މެޗުގެ ތިންވަނަ ކުއާޓަރ ފެށިގެން މޮޅަށް ކުޅެމުންދިޔައީ ނޭޕާލް ޓީމުންނެވެ. މިގޮތުން ނޭޕާލް ޓީމުން ވަނީ ތިންވަނަ ކުއާޓަރ ގައި މެޗުގެ އޮއެވަރު އަނބުރާލާ ހަތަރު ވަނަ ކުއާޓަރ އާއި ކުރިމަތިލިއިރު 2 ޕޮއިންޓްގެ ލީޑެއް ހޯދާފައެވެ. އެއީ 34 – 36 ޕޮއިންޓުންނެވެ.

މެޗުގެ ފަހު ކުއާޓަރ ފަށައިގެންވެސް މޮޅަށް ކުޅުނީ ނޭޕާލް ޓީމުންނެވެ. ނަތީޖާއެއްގެ ގޮތުން ނޭޕާލް ޓީމުން ދިޔައީ މަޑު މަޑުން ފަރަގު އިތުރު ކުރަމުންނެވެ. އަދި މެޗުގައި ފަހުކޮޅަށް ދިޔައިރު އެޓީމުން ވަނީ ލީޑް 6 ޕޮއިންޓަށް ފުޅާކޮށްފައެވެ. އެހެންނަމަވެސް މެޗުގެ ފަހުކޮޅު އެއްކޮށް ކޮންޓްރޯލް ކުރި ދިވެހި ޓީމުންނެވެ. އަދި ނަތީޖާ އަނބުރާލަން ދިވެހި ޓީމަށް ވަނީ ގިނަފުރުސަތުތަކެއްވެސް ލިބިގެންގޮސްފައެވެ. ދިވެހި ޓީމުން މެޗުގައި ގިނަ އަދަދެއްގެ ތްރީ ޕޮއިންޓް އެޓެމްޕްޓްތައް މިސްކުރިއިރު ތަފާތު ބޮޑު އަދަދަކަށް ފްރީ ތްރޯވެސް ދިވެހި ޓީމަށް ލިބި ބޭނުން ހިފޭގޮތް ވަނީ ނުވެފައިއެވެ.

ނޭޕާލް މެޗު ކާމުޔާބުކުރާނެކަމުގެ އުއްމީދު އެޓީމަށް ބޮޑުވެފައިވަނިކޮށް މުޅިމެޗު އެނބުރިގެންދިޔައީ ދިވެހި ޓީމްގެ ފުލްކޯޓް ޕްރެސްއާއެކު ނޭޕާލް ޓީމަށް މެޗުގައި ކުރިއަށް ދިއުމުގެ ފުރުސަތުތައް ގެއްލުވާލައި ރިޝްމާގެ ދެ ސްޓީލްއާއެކު ފާސްޓް ބްރޭކްގައި ހޯދައިދިން ޕޮއިންޓް ތަކުންނެވެ. މިމެޗުގައި ރިޝްމާ ވަނީ 14 ރީބަންޑް ހޯދާފައިއެވެ. މުޅި މެޗުގައިވެސް ރިޝްމާގެ ފަރާތުން ރިބަންޑްތައް ހޯދުމުގެ އިތުރުން މާ ތަފާތު ކުޅުމެއް ފެނިގެންގޮސްފައެއް ނުވެއެވެ. އެހެންނަމަވެސް އެކަން ބަދަލުކޮށްލާ ރިޝްމާގެ ތަފާތު އޭނާ ދެއްކީ މެޗުގައި އެންމެ މުހިއްމު ވަގުތުކޮޅުގައެވެ.

މުޅި މެޗުގައިވެސް ދިވެހި ޓީމުން އެންމެ މޮޅަށް ކުޅުނީ އިއްކޮއެވެ. އިއްކޮ ވަނީ މިމެޗުގައި ދިވެހި ޓީމަށް 23 ޕޮއިންޓް ހޯދައިދީ 13 ރީބަންޑް ކާމިޔާބުކޮށްފައެވެ. އެޓޭކާއި އެއްވަރަށް ޑިފެންސްގައިވެސް އިއްކޮ ވަނީ ތަފާތު ދައްކާފައެވެ. ދިވެހި ޓީމަށް އެންމެ ގިނަ ޕޮއިންޓް އިއްކޮ ހޯދައިދިން އިރު ދެވަނައަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ 13 ޕޮއިންޓް ހޯދައިދިން ރިޝްމާއެވެ.

ސާބާ ޗެމްޕިއަންޝިޕް މެޗު ޝެޑިއުލް

ލީގު އުސޫލުން ކުރިއަށްދާ ސާބާ ޗެމްޕިއަންޝިޕްގައި ވާދަކުރަނީ ޖުމްލަ ހަތަރު ޓީމެވެ. ދިވެހިރާއްޖެއާއި ނޭޕާލްގެ އިތުރުން ދެން އޮތީ ބޫޓާން އާއި ސްރީލަންކާއެވެ. މިމުބާރާތުގައި ދެން ދިވެހި ޓީމު ނިކުންނާނީ އެންމެ ވަރުގަދަ އެއްޓީމުގެ ގޮތުގައި މުބާރާތާއި ކުރިމަތިލި ސްރީލަންކާ އާއި ދެކޮޅަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *