logo minivan

English

ހޮނިހިރު, 27 ޖުލައި 2024
ނަފުސާނީ ސިއްހަތުގެ ހާލަތު ބަލަން ހެދި ރެޕިޑް އެސެސްމެންޓް ހުށަހަޅަނީ. ފޮޓޯ: ރައީސް އޮފީސް

"ނަފުސާނީ ބަލިތަކާ މެދު ދެކޭ ގޮތުގެ ސަބަބުން ފަރުވާއަށް ހުރަސް އެޅޭ"

ނަފުސާނީ ބަލިތަކަށް ފަރުވާ ކުރުމުގައި ރާއްޖޭގައި އަދި ވެސް އޮތް އެންމެ ބޮޑު އެއް ހުރަހަކީ އެފަދަ ބަލިތަކާ މެދު މުޖުތަމައުން ދެކޭ ގޮތްތައް ކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީއާއި ޔުނިސެފް އަދި ކަމާ ގުޅޭ އެހެން ބައެއް އިދާރާތައް ގުޅިގެން ކުރި ސާވޭއަކުން ދައްކައިފި އެވެ.

ނަފުސާނީ ސިއްހަތަށް މީހުން ހޭލުންތެރިކުރުމަށް ޓަކައި އިއްޔެ ފެށި ގައުމީ ކެމްޕޭނަށް ތައްޔާރުވުމުގެ ގޮތުން، ހާލަތު އޮތް ގޮތް ވަޒަން ކުރުމަށް ޓަކައި ހެދި ރެޕިޑް އެސެސްމެންޓުން އެނގުނު ގޮތުގައި ، ނަފުސާނީ ބަލިތަކާ މެދު މުޖުތަމައުން ގެންގުޅޭ ނުރަނގަޅު ވިސްނުންތަކުގެ ސަބަބުން، އެ ފަދަ ބަލިތަކަށް ފަރުވާ ހޯދަން މީހުން ފަސް ޖެހެ އެވެ. ފަރުވާ ނުހޯދައ،ި ހާލަތު ގޯސްވަންދެން ބައެއް މީހުން މަޑުކުރަނީ ވެސް އެހެންވެ އެވެ.

ނަފުސާނީ ފަރުވާއަށް ހުރި ހުރަސްތައް

  • ނަފުސާނީ ސިއްހަތާއި ނަފުސާނީ ބަލިތަކާ މެދު މީހުންގެ ހޭލުންތެރިކަން ކުޑަ. އެހެންވެ ނަފުސާނީ ސިއްހަތާއި އީމާންތެރިކަމާ ވެސް ގުޅުވައިލާތީ ފަރުވާއަށް ދާން މީހުން ޖެހިލުންވޭ.
  • ނަފުސާނީ ސިއްހަތާއި ނަފުސާނީ ދުޅަހެޔޮކަމަކީ އެއްކަމެއްގެ ގޮތުގައި ވެސް ދެކޭ
  • ނަފުސާނީ ބަލިތަކަށް ކުރެވެން ހުރި ފަރުވާއާއި އެފަދަ މައްސަލަތަކަށް ހޯދެން ހުރި އެހެން ހައްލުތަކާ މެދު މީހުންގެ ހޭލުންތެރިކަން ކުޑަ
  • މިންތީގެ ތަފާތުކުރުންތަކުގެ ސަބަބުން ވެސް ފަރުވާ ހޯދަން ޖެހިލުންވޭ. މިސާލަކަށް ފިރިހެނުންނަކީ ހިތްވަރުގަދަ ބަޔަކަށް ވާން ޖެހޭނެކަމަށް ގަބޫލުކުރާތީ ނަފުސާނީ މައްސަލައެއްގެ ވާހަކަ ދައްކަން ފިރިހެނުން ޖެހިލުންވުން
  • ނަފުސާނީ ބައްޔެއް ޖެހުމަކީ ހުތުރުކަމެއް ކަމަށް ނުވަތަ މީހާގެ ގޯސްކަމުން ޖެހޭ ކަމެއް ކަމަށް ދެކޭ ދެކުމުގެ ސަބަބުން އެފަދަ މައްސަަތަކުގެ ވާހަކަ ދައްކަން ޖެހިލުންވުން.
  • ފަރުވާ ނުކޮށް މަޑުކޮށްލިިޔަސް ރަނގަޅުވެދާނެކަމަށް ގަބޫލުކުރާ ގަބޫލުކުރުންތައް

ރެޕިޑް އެސެސްމެންޓުން އެނގުނު ގޮތުގައި ނަފުސާނީ ސިއްހަތާ ގުޅޭ ބައެއް ރަނގަޅުކަންތައްތައް ވެސް ރާއްޖޭގައި އެބަހުއްޓެވެ. އޭގެ އެއް ކަމަކީ ނަފުސާނީ ބަލިތައް ތަހައްމަލުކުރާ މީހުން ބެލެހެއްޓުމާ ހަވާލުވެ އުޅޭ މީހުން އެމީހުންނާ މެދު ބަހައްޓާ އޯގާތެރިކަމެވެ.

ނަފުސާނީ މައްސަލަތަކަށް މީހުން ހުށަހެޅޭ ސަބަބުތަކަށް ވެސް އެ އެސެސްމެންޓްގައި ބަލައިލި އެވެ. ރެޕިޑް އެސެސްމެންޓްގެ ހޯދުންތަކާ ބެހޭ ގޮތުން އެޗްޕީއޭއާއި ޔުނިސެފުން އިއްޔެ ހުށަހެޅި ޕްރެޒެންޓޭޝަނުގައި ވާ ގޮތުން، ނަފުސާނީ މައްސަލަތަކަށް ހުށަހެޅޭ އެއް ސަބަަބަކީ ދަރިން ބެލުމުގައި މައިންބަފައިން ގެންގުޅޭ އުސޫލުތަކެވެ. އޭގެ އެއް މިސާލަކީ ދަރިންނާއި މައިންބަފައިންނާ ދެމެދު އުފެދޭ މައްސަލަތައް ހައްލުކުރާނެ ގޮތުގެ ހޭލުންތެރިކަން ރާއްޖޭގައި ކުޑަކަމެވެ. ނަފުސާނީ ގޮތުން އެހީތެރިކަން ހޯދުމަށް (ނަފުސާނީ މައްސަލަތައް ދިމާވުމުގެ ކުރިން އެހީތެރިކަން ހޯދުމަށް) ހުރި ފުރުސަތު ތަކާ މެދު މީހުންގެ ހޭލުންތެރިކަން ކުޑަވުމަކީ ވެސް އެފަދަ ބަލިތަކަށް މީހުން ހުށަހެޅޭ ސަބަބެކެވެ. އެސެސްމެންޓުން އެނގުނު ގޮތުގައި އާއިލާއާއި އެކުވެރިންގެ ތެރެއިން ނަފުސާނީ އެހީތެރިކަން ފޯރުކޮށްދޭނެ ނެޓްވޯކެއް އޮންނަ ނަމަ އެފަދަ ބަލިތަކުން ސަލާމަތްވުމުގެ ފުރުސަތު ބޮޑެވެ.

އާއިލީ އަދި އިޖުތިމާއީ ގުޅުންތައް ބަދަހިކުރުމަކީ ވެސް ނަފުސާނީ ބަލިތަކުން މީހުން ސަލާމަތްކުރުމަށް މުހިއްމު ކަމެކެވެ.

ނަަފުސާނީ ސިއްހަތާއި މެދު ހޭލުންތެރިކަން އިތުރުކުރަން ސަރުކާރުން އިއްޔެ ފެށި ގައުމީ ކެމްޕޭނުން ހާސިލުކުރަން އަމާޒު ހިފާނީ މައިގަނޑު ދެކަމެއް ހާސިލުކުރުމަށެވެ. އެއްކަމީ ނަފުސާނީ މައްސަަލަތަކުން ސަލާމަތްވުމަށް ޓަކައި ފަރުދީ ފެންވަރުގައި ރެޒިލިއަންސް އިތުރުކުރުމާއި އެފަދަ މައްސަލަތަކުން އަރައިގަތުމުގެ ގާބިލުކަން އިތުރުކުރުމެވެ. ދެވަނަ މަގުސަދަކީ ނަފުސާނީ މައްސަލަަތަކާ މެދު މުޖުތަމައު ހޭލުންތެރި ކުރުވައި އެފަދަ މައްސަލަތަކާ މެދު ގެންގުޅޭ ނުރަނގަޅު ވިސްނުންތައް ނައްތައިލުމެވެ. އަދި ނަފުސާނ މައްސަލަތައް ކުރިމަތިވާ މީހުންނަށް އެހީތެރިވުމުގެ އާދަ މުޖުތަމައުގައި އުފެއްދުމެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *