logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ކަރީމް ބެންޒެމާ ޤައުމީ ޓީމަށް ކުޅުން ހުއްޓާލައިފި

ފްރާންސްގެ ކޯޗު ޑިޑިއޭ ޑިޝޯމް އާއި ގިނަ މައްސަލަތަކެއް ޖެހި އެއްގަލަކަށް ނޭރުނު ފްރާންސްގެ ފޯވާޑް ކަރީމް ބެންޒެމާ ފްރާންސް ޓީމުން ރިޓައަރކޮށްފިއެވެ.

އަނިޔާގެ ސަބަބުން ނިމިގެންދިޔަ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިނުވެވުނު ބެންޒެމާ ޤައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާން ކުރީ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައެވެ.

ފްރާންސްއަށް 97 މެޗު ކުޅެދީ 37 ލަނޑު ޖަހާދިން ފޯވާޑް ބުނީ މިއަދު އޭނާ ހުރި ހިސާބަށް އަންނަން ގިނަގުނަ މަސައްކަތްތަކަކާއި ކަމުނުދާ ފިޔަވަޅުތަކެއްވެސް އެޅިފައިވާނޭ ކަމަށެވެ. އެހެންނަމަވެސް އެހުރިހާ ކަމަކާވެސް ފަހުރުވެރިވާ ކަމަށާއި މިހާހިސާބުން މި ވާހަކަ ނިންމާލަން ޖެހޭކަމަށެވެ.

މިދިޔަ އަހަރުގެ ނޭޝަންސް ލީގު ފްރާންސް އާއެކު ކާމިޔާބުކުރި ބެންޒެމާ އެންމެ ފުރަތަމަ ފްރާންސް ޓީމަށް މެޗެއް ކުޅެދިނީ 2007 ވަނަ އަހަރު ލިޔޯންގައި ކްލަބް ފުޓްބޯޅަ ކުޅެމުންނެވެ.

ފްރާންސްގެ ކޯޗު ޑިޑިއޭ ޑިޝޯމް އާއި ޖެހުނު މައްސަލަތަކާއި ގުޅިގެން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ފްރާންސް ޓީމުން ފުރުސަތު ނުލިބުނު ބެންޒެމާ އަލުން ފްރާންސް ޓީމަށް ގަނަން ކޯޗަށް މަޖުބޫރުވީ ކްލަބް ލެވަލްގައި ބެންޒެމާގެ ކުޅުން މާބޮޑަށް ރަނގަޅުވެ ފްރާންސްގެ ނުފޫޒްގަދަ ފަރާތްތަކުގެ ޕްރެޝަރު ބޮޑުވުމުގެ ސަބަބުންނެވެ.

މިއަހަރުގެ ވޯލްޑް ކަޕް ސްކޮޑުގައިވެސް ހިމެނުނު ނަމަވެސް އިންޖެރީވެ ޓީމާ ދުރަށް ބެންޒެމާ ދިޔައީ ހަމައެކަނި އެންޖެރީގެ ސަބަބުން ނޫންކަމަށާއި ޑިޝޯމް އާއި ދެބަސްވުމެއް އުފެދުމުގެ ސަބަބުން ކަމަށްވެސް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ. މިކަމަށް އިތުރު ބާރެއް ލިބެނީ ފްރާންސް އިން ބެންޒެމާ މުޅި ވޯލްޑް ކަޕަށް އެންޖެރީ ވެފައިވާ ކަމަށް ބުނިފަހުން ފްރާންސް ވޯލްޑް ކަޕުގެ ސެމީ ފައިނަލް މެޗު ކުޅުމުގެ ކުރިން ބެންޒެމާ އަލުން ފިޓުވެ ރެއާލް މެޑްރިޑާއެކު އެކުވެރިކަމުގެ މެޗެއްގައި ކުޅެފައިވުމެވެ.

މިހުރިހާ ކަމަކާއެކު ފްރާންސްގެ އެންމެ މޮޅު އެއް ކުޅުންތެރިއާ ފައިނަލް މެޗުގައި ބޭނުންކުރިނަމަ މުބާރާތުގެ ރަން ވަނަ ހޯދުމުގެ ފުރުސަތު އިތުރުވެގެން ދާނެކަމަށް ބުނެ ފްރާންސް ކޯޗަށް ފާޑުކީ މީހުންގެ އަދަދުވެސް މަދެއް ނޫނެވެ.

ފްރާންސް ކޯޗު ޑިޑިއޭ ޑިޝޯމްވެސް ފްރާންސް ޓީމާއެކު ކުރިއަށްދާނެ ކަމާމެދު ވަނީ ސުވާލު އުފެދިފައެވެ. ޑިޝޯމް ބުނީ ވަޒީފާ އާއި މެދު ގޮތެއް ނިންމާނީ ދުވަސްކޮޅެއް ރެސްޓުކޮށްލަން ނެގުމަށްފަހު ކަމަށެވެ.

ޑިޝޯމް އިސްތިއުފާ ދީފިނަމަ އެމަގާމަށް އައުން އެންމެ ގާތީ ޑިޝޯމް އާއި އެކު 1998 ވަނަ އަހަރުގެ ވޯލްޑް ކަޕް ފްރާންސްއަށް ކާމިޔާބުކޮށްދިނުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރި މަޝްހޫރު މިޑްފިލްޑަރު ޒިދާން އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *