logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ޔާމީނަށް ކުރި ހުކުމް އިސްތިއުނާފުކުރުން ލަސްވާތީ ސަޕޯޓަރުންގެ ޝަކުވާ އާދޭ: ޝިޔާމް

ކުރީގެ ރައީސް އަބްދުﷲ ޔާމީނު 11 އަހަރަށް ޖަލަަށް ލާން ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ހައިކޯޓުގައި އިސްތިއުނާފުކުރުން ލަސްވާތީ ޕީޕީއެމްޕީއެންސީގެ އާއްމު މެމްބަަރުންގެ ޝަކުވާ އަންނަ ކަމަށާއި އެކަން އޮތް ގޮތް ލީޑަޝިޕުން ސާފުކޮށްދެމުން އަންނަ ކަމަށް ޕީޕީއެމްގެ ނައިބުރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.

ރިޝްވަތު ހިފުމުގެ ކުށާއި މަނީ ލޯންޑާކުރުުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ޔާމީނު 11 އަހަރަށް ޖަލަަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކުރިތާ މިހާރު 15 ދުވަސް ވެއްޖެ އެެވެ. ޝިޔާމް ވިދާޅުވީ އެކަމުގެ ޝަކުވާ ޕީޕީއެމްގެ އާއްމު މެމްބަރުން ކުރަމުން އަންނަ ކަމަށާއި އެއީ އެކަން ވާނެ ގޮތް ކަމަށެވެ.

"ޝަކުވާ އާދޭ. ސަޕޯޓަރުން ބޭނުންވާނީ ވީހާ އަވަހަކަށް އިސްތިއުނާފުކުރަންތާ ދެއްތޯ، އެކަމަކު މީގައި ވެގެން މިއުޅޭ ގޮތަކީ އަސްލުގައި ފުލް ރިޕޯޓް ނުލިބޭތީ މިއުޅެނީ ލީގަލް ޓީމަށް އިނގޭތޯ. އެހެންވީމާ [ސަޕޯޓަރުންނަށް] އަޅުގަނޑުމެން މިދޭ ޖަވާބަކީ އެއީ،" ޝިޔާމް ވިދާޅުވި އެވެ.

ޔާމީނުގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލު އަބްދުﷲ ޝިޔާޒް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސްޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމްތައް އިސްތިއުނާފު ކުރުމަށްޓަކައި ޝަރީއަތް ނިމުނު ގޮތުގެ ރިޕޯރޓު މަޙްޟަރު ބަޔާން ތަކާއެކު ހޯދުމަށް 2022 ޑިސެމްބަރު 25 ވަނަ ދުވަހު އެދިފައިވީ ނަމަވެސް މިއަދާހަމައަށްވެސް އެ ރިޕޯރޓް ލިބިފައި ނުވާ ކަމަށެވެ.

ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވި ގޮތުގައި ޔާމީނަށް ކުރި ހުކުމް އިސްތިއުނާފު ކުރުމުގެ މަސައްކަތް އެމަނިކުފާނުގެ ގާނޫނީ ޓީމުން ކުރަމުން އަންނަނީ ސީދާ އެމަނިކުފާނުގެ އިރުޝާދުގެ ދަށުން ކަމަށެވެ. ގާނޫނީ ޓީމުން މަސައްކަތް ކުރަމުން އަންނަނީ ވީހާ ވެސް ރަނގަޅަށް އިސްތިއުނާފުގެ ކަންތައްތައް ގެންދަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރައީސް ޔާމީނު ޖަލަށްލާން ކްރިމިނަލް ކޯޓުން 2019 ވަނަ އަހަރު ކުރި ހުކުމް އެމަނިކުފާނުގެ ވަކީލުން އިސްތިއުނާފު ކުރެއްވީ އެންމެ ދެ ދުވަހުގެ ތެރޭގަ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *