އެއްވެސް ކުންފުންޏަކުން ސަރުކާރުގެ ސިޔާސަތު ތަންފީޒު ނުވާ ނަމަ އެކުންފުންޏަކަށް ގެންނަން ޖެހޭ ބަދަލުތައް ގެންނާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގައި ގދ. ތިނަދޫގައި މިއަދު ބޭއްވި ޖަލްސާއެއްގައި ރައީސް ވިދާޅުވީ މަސްވެރިކަމުގެ ދާއިރާއިން ތިނަދޫގައި ކުރަން ހުރި މަސައްކަތްތައް ފަށަން ސަރުކާރުން އަންނަނީ ތައްޔާރުވަމުން ކަމަށާއި އެ މަސައްކަތައް ކުރަނީ އެސްޓީއޯއާއި މިފްކޯއާ ހަވާލުކޮށްގެން ކަމަށެވެ. އެ ދެކުންފުނިން އެ މަސައްކަތްތައް ކޮށްފާނެތޯ ނުވަތަ މަޑުޖެހިދާނެތޯ ބައެއް ބޭފުޅުންނަށް މިހާރު ސުވާލު އުފެދިދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ދަންނަވަންތޯ، ސަރުކާރުގެ ސިޔާސަތެއް ތަންފީޒުކުރުމުގައި ސަރުކާރުގެ އެއްވެސް އޮފީހަކުން، އެއްވެސް ކުންފުންޏަކުން ފަހެއް ނުޖެހޭނެ. އެކަންތައްތައް އަޅުގަނޑުމެން ކުރާނަން އަދި ކުރެވޭ ގޮތަށް އެކަންތައްތައް އަޅުގަނޑުމެން ބަދަލުކުރަމުން ގެންދާނަން،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އެެއްވެސް މަސައްކަތެއް ހުއްޓުނަ ނުދިނުމަށް ޓަކައި ކުންފުނިތަކުގައި ސަރުކާރުން ކުރަން ޖެހޭ ކަންތައްތައް "ބަރާބަރަށް ކުރަމުން ގެންދާނެ" އެވެ.
އެއްވެސް ކުންފުންޏެއްގެ މުވައްޒަފަކު ބިރުގަންނަން ނުޖެހޭނެ ކަމަށާއި އެ ކުންފުނިތަކުން ކުރަމުން އަންނަނީ ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ ސަރުކާރުގެ މަޝްރޫއުތަކުގެ މަސައްކަތްތައް ކަމަށާއި އެހެންވީމާ އެއްވެސް މުވައްޒަފަކު ބިރުގަންނަން ނުޖެހޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"ސަރުކާރުގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ފަހަތަށް ޖެހިވަޑައިގަންނަވާކަށް ނުޖެހޭނެ. އަޅުގަނޑުމެން މިތިބީ ތިޔަބޭފުޅުންގެ ހިމާޔަތުގައި، އެ މުވައްޒަފުންގެ ހިމާޔަތުގައި،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ ކުންފުންޏެއްގައި މަސައްކަތް ކުރާތީ އެއްވެސް މުވައްޒަފެއްގެ ސިޔާސީ ވިސްނުން ބަދަލުކުރާކަށް ވެސް ނުޖެހޭނެ ކަމަށެވެ.
ސަރުކާރުން ތިނަދުއަށް ކޮށްދޭނެ ކަންތައްތަކުގެ ބައެއް ތަފްސީލު ވެސް ރައީސް މިއަދު ދެއްވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ތިނަދޫގައި 100 ހައުސިން ޔުނިޓް އަޅާ ގޮތަށް ކުރިން އޮތް ނަަމަވެސް އެރަށުގައި 200 ހައުސިން ޔުނިޓް އަޅަން މިހާރު ވަނީ ނިންމަވައިފަ އެވެ. ތިނަދޫގައި ހިއްކާފައި އޮތް ސަރަހައްދުން ގޯތި ދޫކުރުމުގެ މަސައްކަތް ވެސް އެރަށު ކައުންސިލުން ލަހެއްނުވެ ފަށާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އެމްޑީޕީގެ ޕްރައިަމރީގައި އެމަނިކުފާނަށް ވޯޓުދޭންވީ މަގުމަތި ނުވެ، ތަރައްގީއައިގެން ކުރިއަށް ދެވޭނީ އޭރުން ކަމަށްވާތީ ކަަމަށް ވިދާޅުވެ ރައީސް ދައްކަވާ ވާހަަކަފުޅު ތިނަދޫގައި ވެސް ތަކުރާރުކުރެއްވި އެވެ.
ކިޔުންތެރިންގެ ޚިޔާލުތައް
ސޯލިހުބޭނުންވާނީ މުޅިގައުމު މުށުތެރެއަށް ލާންކަން އެގޭ