logo minivan

English

ހުކުރު, 18 އޮކްޓޯބަރ 2024
ނެދަލޭންޑްސްގެ ދަ ހޭގް ގައި ހުންނަ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް

ރަޝިޔާގެ ރައީސް ހައްޔަރުކުރަން އައިސީސީން އަމުރެއް ނެރެފި

ޔުކްރެއިނާ ދެކޮޅަށް ރަޝިޔާއިން ކުރަމުން ގެންދާ ހަނގުރާމައިގައި ކުޑަކުދިންތަކެއް ގަދަކަމުން ޑީޕޯޓްކޮށްލި މައްސަލައިގައި ރަޝިޔާގެ ރައީސް ލަޑީމިއާ ޕުޓިން ހައްޔަރުކުރުމުގެ އަމުރެއް ނެދަލޭންޑްސްގެ ދަ ހޭގް ގައި ހުންނަ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އިިން ނެރެފި އެވެ.

ޔުކްރޭންގެ އެތައް ހާސް ކުޑަކުދިންނެއް ރަޝިޔާއިން ގެންދަން ހިންގި ޕްރޮގްރާމްގެ ތަފްސީލެއް އެގައުމުން މިހައިތަނަށް ހާމަކޮށްފައެއް ނުވެ އެވެ. އެކަމަކު އެކަން އެގައުމުން ސިފަކުރަމުން ގެންދަނީ ހަނގުރާމަ ހިނގަމުންދާ ސަރަހައްދަކަށް ދޫކޮށްލާފައިވާ ޔަތީމު ކުދިންތަކެއް ހިމާޔަތްކުރުމަށް ހިންގާ އިންސާނީ އެހީގެ މަސައްކަތެއްގެ ގޮތުގަ އެވެ. އެހެން ނަމަވެސް އައިސީސީން ދެކޭ ގޮތުގައި އެއީ ހަނގުރާމައިގެ ޖަރީމާ އެކެވެ.

ޕުޓިން ހައްޔަރުކުރަން އައިސީސީން ނެރުނު އަމުރަކީ އެ ޖަރީމާގެ ޒިންމާ ރަޝިޔާއިން އުފުލަން ޖެހޭނެކަން ތާރީހަށް ޓަކަކައި ރެކޯޑް ކުރެވޭނެ ފިޔަވަޅެއް ކަަމަށް ޔުކްރެއިނުގެ ރައީސް ވޮލޮޑީމާ ޒެލެންސްކީ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ޔުކްރޭނުގެ ކުޑަކުދިން ރަޝިޔާއަށް ޑީޕޯޓްކުރުމަކީ ރަޝިޔާގެ ދައުލަތުގެ އެންމެ މަތިން ކަނޑައަޅާފައިވާ "ޝައިތާނީ ސިޔާސަތަކާ" އެއްގޮތަށް ހިންގަމުންދާ ޖަރީމާ އެއް ކަމަށެވެ.

އައިސީސީގެ އަމުރާ މެދު ރަޝިޔާއިން ވަރަށް ބޮޑަށް ނުރުހުން ފާޅުކުރި އެވެ. ރަޝިޔާގެ ރިޔާސީ ގަނޑުވަރު ކްރެމްލިންގެ ތަރުޖަމާނު ޑްމިޓްރީ ޕެސްކޯފް ވިދާޅުވީ އައިސީސީގެ ތުހުމަތު ތަކަކީ ބަލައިގަނެވޭނެ ތުހުމަތުތަކެއް ނޫން ކަމަށެވެ. އެ ތުހުމަތުތަކާ އެކު އެކޯޓުން ނިންމާ ކޮންމެ ނިންމުމަކީ އަމަލުކުރަން ނުޖެހޭ، ގާނޫނީ ބުރަދަނެއް ނެތް ނިންމުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރަޝިޔާގެ ރައީސް ހައްޔަރުކުރުމުގެ އަމުރެއް އައިސީސީން ނެރުނު އިރު، އެމެރިކާއާއި ޗައިނާ ފަދައިން ރަޝިޔާ އަކީ ވެސް އެކޯޓް އުފެއްދި މުއާހަދާގައި ބައިވެރިވާ ގައުމެއް ނޫނެވެ. (ރޮއިޓާސް)

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *