މިދިޔަ ބުރާސްފަތި ދުވަހު ގއ. ވިލިނގިލީ އަތޮޅު ހޮސްޕިޓަލުގައި ހާލު ދެރަވެ، މާލެ ގެނައުން ލަސްވެގެން އުޅުނު ބަލި ކުއްޖާ ނިޔާވެއްޖެ އެވެ.
އެއީ އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖެކެވެ. އެނގިފައިވާ ގޮތުގައި އެ ކުއްޖާ ނިޔާވީ މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށެވެ.
އެ ކުއްޖާއަށް ފުރަތަމަ ފަރުވާ ދިނީ ވިލިނގިލީ ހޮސްޕިޓަލުގައެެވެ. އެ ހޮސްޕިޓަލުގައި ވެސް ކުއްޖާއަށް ވެންޓިލޭޓަރުގައި ފަރުވާދިން އިރު، ވެންޓިލޭޓަރުގައި މާލެ ގެނައުމަށްޓަކާ، ފްލައިޓް ނުލިބި ފުރުން ލަސްވެގެން ކުއްޖާގެ އާއިލާ އިން އެހޮސްޕިޓަލުގެ ނަން ބޯޑުގައި " ހެލްތް ޕޯސްޓް" ޖަހާ، ނުރުހުން ފާޅުކުރި އެވެ.
ވިލިނގިލީ ކައުންސިލް އިން މިނިވަން އަށް މައުލޫމާތު ދިންގޮތުގައި، ކުއްޖާ ނުގެންދެވި ލަސްވީ، ކުއްޖާ ގެންނަން ޖެހުނީ ވެންޓިލޭޓަރުގައި ކަމަށްވެފައި، މުޅި ރާއްޖޭގައި ވެންޓިލޭޓަރު ހުރި އެންމެ ފްލައިޓެެއް އޮންނާތީ، ފްލައިޓް ލިބުމަށް ދަތިވުމުންނެވެ. އާއިލާ އިން ނުރުހުން ފާޅުކުރީ އެދުވަހު ހެނދުނު ވެންޓިލޭޓަރު އިން ފްލައިޓް އެ އަތޮޅަށް ދިޔަ ނަމަވެސް އެ ފްލައިޓުން ކުއްޖާ ނުގެންދެވުނީ ހޮސްޕިޓަލުގެ ފަރުވާ ކުޑަކަމުން ކަމަށް ބުނެއެވެ.
ވިލިނގިލިން މައުލޫމާތު އެނގޭ މީހަކު ބުނިގޮތުގައި، ކުއްޖާ، މާލެ ގެންނަން ނިންމި އިރު އެއަތޮޅު ހޮސްޕިޓަލުން ވަނީ އުންމީދު ކަނޑާލާފައެވެ.
އައިޖީއެމްއެޗް އިން މީޑިއާއަކަށް ބުނެފައިވަނީ އެ ކުއްޖާ ނިޔާވީ މިއަދު 11:10 ގައި ކަމަށެވެ.
ނިޔާވި ކުއްޖާއަކީ އެރަށު ސްކޫލްގައި ގްރޭޑް ހަތެއްގައި ކިޔަވަމުންދާ ދަރިވަރެކެެވެ.