22 ޖެނުއަރީ 2025

އައިޑީކާޑާއި ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް ރ. އަތޮޅުގައި ފަށައިފި

އަލީ
8 ގަޑިއިރު ކުރިން


ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓްކޮށް ދޫކުރުމާއި، ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ރ. އަތޮޅުގައި ފަށައިފިއެވެ.

ރ. އަތޮޅުގައި މި 2 ޚިދުމަތް ރަސްމީކޮށް އިފްތިތާޙްކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ރ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އުނގޫފާރަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިންނެވެ.

މި ރަސްމިއްޔާތުގައި މި ދެ ޚިދުމަތް ރ. އަތޮޅުގައި ރަސްމީކޮށް ފަށްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނީއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނާއި، ރ. އަތޮޅު ކައުންސިލުގެ ރައީސް ޙުސެއިން ނާސިފެވެ.

އުނގޫފާރަކީ ރ. އަތޮޅުގެ ވެރިކަން ކުރާ ރަށަށް ވެފައި، އެކި ބޭނުން ތަކުގައި ކޮންމެ ދުވަހަކު ވެސް އެތައް ބަޔަކު އަރާ ފައިބާ ރަށެއް ކަމުން، އާންމު ރައްޔިތުންނާ ގުޅުން ހުރި މިފަދަ މުހިންމު ޚިދުމަތެއް ރައްޔިތުންނާ ގާތުން ލިބޭނެ މަގުފަހި ވެގެން ދިޔުމުން އުނގޫފާރާއި، އަތޮޅުގެ އެހެން ރަށްތަކުގެ ރައްޔިތުންނަށް ވެސް ބޮޑެތި ލުއި ފަސޭހަ ތަކެއް ލިބިގެން ދާނެކަން ސަރުކާރުން ފާހަގަ ކުރައްވައެވެ.


ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓްކޮށް ދޫކުރުމާއި، ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ރ. އުނގޫފާރުގައި ރަސްމީކޮށް ފަށާފައިވާއިރު، އެރަށަކީ އަރބަން ސެންޓަރުގެ ގޮތުގައި ތަރައްޤީ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ 7 ރަށުގެ ތެރޭގައި ހިމެނޭ ރަށެކެވެ. މިގޮތަށް ތަރައްޤީ ކުރާ ސަރަޙައްދުތަކުގައި ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް އެންމެ މަތީ ފަންތީގައި ތަރައްޤީކޮށް ދެއްވުމަކީ ރައީސްގެ ވަޢުދުފުޅެކެވެ.

 

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓު، ރައްޔިތުންނާ ގާތުން، އަވަހަށް ފޯރުކޮށްދިނުމުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ސިޔާސަތަކެވެ. އެމަނިކުފާނުގެ މި ސިޔާސަތުގެ ދަށުން މި ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެއްވުމުގެ މަސައްކަތް މިދިޔަ ނޮވެމްބަރުމަހުގެ 16 ވަނަ ދުވަހު ވަނީ އިފްތިތާޙް ކުރައްވާފައެވެ.

މި މަސައްކަތުގެ ދަށުން މާލެ ސިޓީގެ ހުރިހާ ސަރަޙައްދެއްގެ އިތުރުން ލ. އަތޮޅާއި ދ. އަތޮޅަށް މި މަސައްކަތް ވަނީ ފުޅާކޮށްފައެވެ. އެގޮތުން، ހުޅުމާލޭ ފުރަތަމަ ފިޔަވައްސާއި، ދެވަނަ ފިޔަވައްސާއި، ވިލިމާލެ، ދ. ކުޑަހުވަދޫ އަދި ލ. ފޮނަދޫއިން ޕާސްޕޯޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް މިދިޔަ ނޮވެމްބަރުމަހު ވަނީ ފައްޓަވާފައެވެ.

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ޚިދުމަތް މާލެ ސިޓީގެ ހުރިހާ ސަރަޙައްދެއްގެ އިތުރުން ހދ. އަތޮޅަށްވެސް މިހާރު ވަނީ ފުޅާކޮށްފައެވެ. އެގޮތުން ހުޅުމާލޭ ފުރަތަމަ ފިޔަވައްސާއި، ދެވަނަ ފިޔަވައްސާއި، ވިލިމާލެ އަދި ކުޅުދުއްފުށީ ސިޓީއިން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް މިދިޔަ ނޮވެމްބަރުމަހު ވަނީ ފައްޓަވާފައެވެ.

މިދިޔަ ނޮވެމްބަރުމަހު ސަރުކާރުން ވަނީ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަގުޗާޓުވެސް އާންމުކުރައްވާފައެވެ. މި މަގުޗާޓުގައިވާގޮތުން މިއަހަރުގެ ނިޔަލަށް ކޮންމެ ސިޓީއަކާއި އަތޮޅެއްގައިވެސް ކަނޑައެޅޭ ވަކި ސަރަޙައްދުތަކުގައި މި ޚިދުމަތްތައް ޤާއިމުކުރުމަށް ވަނީ ނިންމާފައެވެ.

 

ގުޅުންހުރި ލިޔުންތައް

An error has occurred. This application may no longer respond until reloaded. Reload 🗙