އަޙްމަދު ފައުޒާންތެލެސީމިއާއަށް ފަރުވާ ހޯދަމުންދާ ފަރާތްތަކުންނާއި އެ ފަރާތްތަކުގެ އާއިލާތަކުން ފާޅުކުރަމުން އަންނަ ކަންބޮޑުވުންތަކާ ގުޅިގެން މިހާރު ހުރި މައްސަލަތަކަށް އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން ހައްލު ހޯދުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ތެލެސީމިއާއަށް ފަރުވާ ހޯދަމުން އަންނަ ފަރާތްތަކުންނާއި އެ ފަރާތްތަކުގެ އާއިލާތަކުން ރޭ ވަނީ މޯލްޑި
ވްސް ބްލަޑް ސާވިސަސް (އެމްބީއެސް) ކައިރީގައި މުޒާހަރާކޮށްފަ އެވެ. އެ ފަރާތްތަކުން މުޒާހަރާކޮށްފައި ވަނީ ލިބެން ޖެހޭ ހިދުމަތްތައް އެކަށީގެންވާ ގޮތެއްގައި ނުލިބި ދިގުލައިގެން ދިއުމާ އެކު، އެމްބީއެސް ހިންގުމާ ހަވާލުވެ ތިއްބެވި ފަރާތްތަކާ އެކު ބޭއްވި ބައްދަލުވުމުން ވެސް ހައްލަކާ ހަމައަށް ނުދެވުމުންނެވެ.
ނޭޝަނަލް ތެލެސީމިއާ ސެންޓަރަށް ރައީސް ވަޑައިގެންފައި ވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގަ އެވެ. އަރިހުގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރުގެ އިތުރުން ސަރުކާރުގެ އިސްބޭފުޅުން ވަޑައިގެންނެވި އެވެ.
ރައީސް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އެ ސެންޓަރަށް ކުރެއްވި ޒިޔާރަތުގައި
ތަނުގެ ހުރިހާ ޑިޕާޓްމަންޓެއްގެ ހާލަތު ރައީސް ވަނީ ބައްލަވާފައި ކަމަށެވެ. އަދި އެ ވަގުތު ހިދުމަތް ހޯދަމުންދިޔަ ބަލި މީހުންގެ އާއިލާތަކާ ބައްދަލުކުރައްވައި، އެ ފަރާތްތަކުގެ ހުރި ކަންބޮޑުވުންތަކުގެ އަޑުއެއްސެވި ކަމަށެވެ.
އާއިލާތަކުން ފާޅުކުރި ކަންބޮޑުުވުންތަކަށް، މިވަގުތުން ފެށިގެން ހައްލު ކުރެވެން ހުރި ހުރިހާ ކަމެއް ހައްލުކޮށް، ކަމާ ބެހޭ އިދާރާތަކުގެ ވެރިންނާ މަޝްވަރާ ކުރައްވައިގެން ފިޔަވަޅުތައް އަޅަން ފަށާފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ޒަމާނުއްސުރެ ތެލެސީމިއާ ސެންޓަރުގައި ހުރި މައްސަލަތައް ހައްލު ކުރުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައި ނުވާކަން ފާހަގަކުރައްވާ އޮފިޝަލް ވިދާޅުވި ގޮތުގައި މިހާރު ހުރި ހުރިހާ މައްސަލަތަކެއް ހައްލު ކުރުމުގެ މަސައްކަތް ވަނީ ފެށިފައި ކަމުގަ އެވެ.
ނޭޝަނަލް ތެލެސީމިއާ ސެންޓަރަށާ އަދި ނޭޝަނަލް ތެލެސީމިއާ ސެންޓަރު ބަދަލު ކުރުމަށް މިހާރު ތައްޔާރުކުރެވެމުންދާ އިމާރާތް (އޮރެންޖް ހިޔާ) އަށް ޒިޔާރަތްކުރެއްވުމަށް ފަހު ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ ސެންޓަރަށް މިއަދު ކުރެއްވި ޒިޔާރަތުގައި ކަން ހިނގަމުންދާ ގޮތް ވަރަށް ތަފުސީލުކޮށް ބައްލަވާފައިވާ ކަމަށެވެ.
ތަނުގެ މެނޭޖްމަންޓާއި އަދި މުވައްޒަފުންނާ ބައްދަލުކުރެއްވި ކަމަށާ އަދި ހުރިހާ ތަފުސީލުތަކަކާ އެކު ބައްދަލުވުމެއް ބާއްވަވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެ ބައްދަލުވުމުގައި މަޝްވަރާކުރެވި، މުހިންމު ކަންތައްތަކެއް ނިންމަވައި، ކުރިއަށް ގެންދާނެ ގޮތުގެ އިރުޝާދު ދެއްވަވާފައިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"ތެލެސީމިއާ ޕޭޝަންޓުންނަށް ދިމާވާ ދަތިތައް ހައްލު ކުރެވޭނެ ގޮތްތަކެއް ހަމަ އިމީޑިއެޓްލީ ހޯދަން މަޝްވަރާކޮށް ކުރިއަށްދާނެ ގޮތް ދަންނަވާފައި،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި 2017 ވަނަ އަހަރުން ފެށިގެން ތެލެސީމިއާ ސެންޓަރު ހިންގަމުން އަންނަނީ ޑިރެކްޓަ ޖެނެރަލެއް ނެތި ކަމުގަ އެވެ. އެކަން ވަގުތުން ހައްލު ކުރެވޭނެ ގޮތެއް ދަންނަވާފައިވާނެ ކަމުގަ އެވެ. އަދި ތަނުގައި ތިބި ނަރުހުންގެ އަދަދު މަދުވުމާ އެކު ނަރުހުން ހޯދޭނެ ގޮތާއި ސީނިއާ ފިޒީޝަނެއް ހަމަޖެއްސުމުގެ އިތުރުން ލެބޯރެޓަރީއަށް ބޭނުންވާ މުވައްޒަފުންނާއި ވަސީލަތްތައް ހޯދޭނެ މަގުފަހިކޮށްދިނުމަށް ދަންނަވާފައިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"...މަސައްކަތްކުރާނެ ގަޑި ހޮސްޕިޓަލެއްގައި މަސައްކަތްކުރާ ގޮތަށް، އައިޖީއެމްއެޗްގައި މިސާލަކަށް މަސައްކަތްކުރާ ގޮތަށް ދުވަސްތަކާއި ގަޑިތައް އިތުރުކުރެއްވުމަށް ޓަކައި ބޭނުންވާނެ ހިއުމަން ރިސޯސް އިތުުރުކުރުމާ. މި ހުރިހާ ކަމެއް އަޅުގަނޑު މިއަދު މަޝްވަރާކޮށް މަގުފަހިކޮށްދީ ކުރިއަށް ގެންދާނެ ގޮތް އަދި ގެންދަންވީ ގޮތް އަޅުގަނޑު މިއަދު ވާނީ ކަނޑައަޅައި ދަންނަވާފައި،" ރައީސް ވިދާޅުވި އެވެ.
ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު ޒަމީރު ބައިވެރިވެވަޑައިގެންނެވިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވި ގޮތުގައި ފައިސާގެ ގޮތުން ބޭނުންވާ އެއްވެސް ކަމެއް ދަތިނުވާނެ ގޮތަށް ކަންކަން ހަމަޖައްސައިދީފައިވާނެ ކަމުގަ އެވެ. ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ބޭފުޅުންނާ މަޝްވަރާ ކުރެއްވުމަށް ފަހު، މަސައްކަތް ކުރިއަށް ގެންދަން މުހުލަތުތަކެއް ވެސް ހަމަޖައްސަވާފައިވާ ކަމަށެވެ.
"މިގޮތަށް މި ކަންކަން އޮތް ކަން އަދި މި ހިސާބަށް އައިއިރުގައި އެއްވެސް ވަރެއްގެ ކުރިއެރުމެއް ނާންނަކަން އަޅުގަނޑަށް ނޭނގި އޮތީ. ގައިމު ވެސް ސަރުކާރުގެ އެކި ފަރާތްތަކާ ތެލެސީމިއާ ސެންޓަރުން މި ކަންތަކުގައި އުޅޭ ފަރާތްތަކުން ބައްދަލުކުރައްވާފައިވޭ. މީގެކުރިން މިދިޔަ އަހަރެއްހާ ދުވަސްތެރޭގައި ދެތިން ފަހަރުމަތިން،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އެކިއެކި ބޭފުޅުންނާ ބައްދަލުކޮށް ކަމާ ގުޅުންހުރި މައުލޫމާތު ހިއްސާކޮށްފައިވާކަން ލިޔެކިޔުންތައް ބެއްލެވުމުން އެނގިވަޑައިގެންފައިވާ ކަމަށެވެ. އެހެންނަމަވެސް އެ ކަމުގައި މިހާތަނަށް އޮތީ އަމަލީ ސިފައެއް ނުޖެހި ކަމަށެވެ.
ކަމާ ގުޅިގެން އެތެރެއިން ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް މިއަދު ނިންމަވާފައިވާކަން ފާހަގަކުރެއްވި އެވެ. މާލޭގައި ތެލެސީމިއާ ސެންޓަރު ހިންގާ މުއްދަތުގައި ތަނުން ދޭ ހިދުމަތްތަކަށް ބަދަލުތައް ގެނެސް ރަނގަޅު ކުރުމަށް ނިންމަވާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
"ކުރިއަށް އޮތް ދުވަސްތަކުގައި ތެލެސީމިއާ ކުދިންނަށް ދިމާވެފައިވާ ހުރިހާ ދަތިތަކެއް ހައްލު ކުރުމުގައި ސީދާ އަޅުގަނޑުގެ ބެލުމުގެ ދަށުން މި ކަންކަން ކުރިއަށް ގެންދާނަން،" ރައީސް ވިދާޅުވި އެވެ.
މިހާރު ހުރި މައްސަލަތަކަށް ކުރިއަށް ދުވަސްތަކުގައި ހައްލު ހޯއްދަވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފަ އެވެ.