އާރަށުގެ މައްސަލަ ސާބިތުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން 11 އަހަރަށް ޖަލަށް ހުކުމްކޮއްފިއެވެ.
ރިޝްވަތު ގަބޫލުކުރި ކަމުގެ ތުހުމަތުގައި ރައީސް ޔާމީން ގެ މައްޗަށް ކުރީ 4 އަހަރުގެ ހުކުމެކެވެ. އަދި ަލީ ލޯންޑަރިންގެ މައްސަލައިގައި ކުރީ 7 އަހަރުގެ ޖަލު ހުކުމަކާއެކު 5 މިލިޔަން ޑޮލަރުން ޖޫރިމަނާ ކުރުމަށެވެ.
ޔާމީނުގެ ވެރިކަމުގައި ހިންގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތެރޭގައި ހިމެނޭ، އާރަށް މައްސަލައިގައި ދައުލަތުުން ކުރި ދެ ދައުވާވެސް ސާބިތުވާ ކަމަށް ކޯޓުން ނިންމުމަށްފަހު ދޮޅު ގަޑީރެއްހާ ވަގުތުކޮޅަކަށް ޝަރީއަތް މެދު ކަނޑާލިއެވެ. އަދި ހުކުމާއި ބެހޭ ގޮތުން ވާހަކަދެއްކުމުގެ ބައި ކުރިއަށް ގެންދެވި އެވެ.
މަނީ ލޯންޑަރިންގެ ދައުވާގެ ކުށަށް އެންމެ ކުޑަ އަދަބަކީ ފަސް އަހަރުގެ މުއްދަތަކަށް ޖަލަށް ލުމެވެ. ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ ދައުވާގެ އަސާސީ އަދަބަކީ ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމެވެ. ނަމަވެސް ކުށުގެ އަދަބުގެ ދަރަޖަ މަތިކޮށް ދެވެން އޮތް އެންމެ ބޮޑު އަދަބެއް ދިނުމަށް އެދި ދައުލަތުން އެދުނީ ޖުމްލަ 19 އަހަރުގެ ޖަލު ހުކުމެއް އިއްވުމަށެވެ.
ދިފާއުން ވަނީ އަދަބާ ގުޅޭ ގޮތުން ވާހަކަ ދައްކަން 10 ދުވަހުގެ މުއްދަތަކަށް އެދިފައެވެ. ފަނޑިޔާރަށް ލިބިފައިވާ އިހްތިޔާރުގެ ދަށުން، މައްސަލަ ސާބިތުވާ ކަމަށް ކަނޑައަޅާ ހިސާބުން ފެށިގެން 10 ދުވަހުގެ ތެރޭގައި އަދަބާއި ބެހޭ ގޮތުން ވާހަކަ ދެއްކުމަށްފަހު ހުކުމެއް އިއްވަން ޖެހެއެވެ.
ނަމަވެސް މި މައްސަލަ ބައްލަވަމުން ގެންދަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލް، ނިންމެވީ ޝަރީއަތް އިތުރަށް ދިގު ނުދަންމާ އަދަބާއި ބެހޭ ގޮތުން ވާހަކަދެއްކުމުގެ މަޖިލީސް ދޮޅި ގަޑީރުގެ ވަގުތުކޮޅަކަށްފަހު ކުރިއަށް ގެންދިއުމަށެވެ. އެކަމާއި ދިފާއުން އިއުތިރާޒް ކުރި އެވެ.
ދައުވާ ރައްދުވާ ރައީސް ޔާމީންގެ ވަކީލުން ވަނީ އެކަށީގެންވާ ވަގުތު އެބޭފުޅުންނަށް ލިބިފައި ނުވާ ކަމަށް ވިދާޅުވެ، ދައުލަތަށް ކުރީ ބައިގައި ހުކުމް އަންނާނެ ގޮތް އެނގިފައިވާ ކަމަށް ތުހުމަތު ކުރައްވާފައެވެ.
އެ ތުހުމަތަށް ރައްދު ދެއްވަމުން ފަނޑިޔާރު ޝަކީލް ވަނީ އެއްވެސް ފަރާތަކަށް ހުކުމް އަންނާނެ ގޮތް އެނގިފައި ނުވާނެ ކަމަށް ވިދާޅުވެ، މިއަދު ހުކުމް ކުރާނެކަން ކުރީބައިގައި އަންގާފައިވާ ކަން ފާހަގަކުރައްވާ، އެކަމަށް ދިފާއުން ތައްޔާރު ވުމަކީ ވަކީލުންގެ ޒިންމާއެއް ކަމުގައި ވިދާޅުވެފަ އެވެ. އަދި އެ މައުލޫގައި އިތުރަށް ވާހަކަދެއްކުމަށް އިތުރަށް ފުރުސަތު ނުދިނުމަށް ނިންމަވާ، އެ ޝަރީއަތުގެ އަޑުއެހުން ގެންދެވިއެވެ.
ނަމަވެސް ސުޕްރިމް ކޯޓުގެ ނިންމުމަކަށް ހަވާލާދިނުމަށްފަހު، އެކަށީގެންވާ ވަގުތު ނުލިބޭތީ، އަދަބާއި ބެހޭގޮތުން ވާހަކަދެއްކުމަށް ޔާމީންގެ ވަކީލުން ދެކޮޅު ހެއްދެވި އެވެ. އެހެންވެ، ފަނޑިޔާރު ނިންމެވީ އަދަބާއި ބެހޭގޮތުން ޔާމީންގެ ފަރާތްޕުޅުން އެއްޗެއް ވިދާޅުވަން ނެތް ކަމުގައެވެ.
ދައުވާ ރައްދުވާ ޔޫސުފް ނައީމްގެ ވަކީލުންވެސް ވަނީ އަދަބު ލުއި ކުރުމަށް ހުށަހެޅުންތައް ހުށަހެޅުމަށް އެކަށީގެންވާ ވަގުތު ބޭނުންފުޅުވާ ކަމުގައި ވިދާޅުވެފަ އެވެ. އެއީ މައްސަލައިގެ ބާވަތުގެ ގޮތުން ކަމުގައި އޭނާ ފާހަގަކުރެއްވި އެވެ. އަދި އަދަބު ކަނޑައެޅުމުގެ އުސޫލުގެ ތިން މާއްދާއަކަށް ހަވާލާދީ، ނައީމަށް ކުރަން ދައުލަތުން ހުށަހެޅި އަދަބު ބަދަލުކޮށްދިނުމަށް އެދުނެވެ.
އަދަބު ލުއިކުރުމަށް ނައީމްގެ ހުށަހެޅުންތައް
- 14 ވަނަ މާއްދާގެ ދަށުން ޔޫސުފް ނައީމް ކުށުގެ ރިކޯޑެއް މި މައްސަލައިގެ ކުރިން ނެތް ކަމަށް ބުނެ،
- 15 ވަަނަ މާއްދާގެ ދަށުން އޭނާއަކީ 2004 ވަނަ އަހަރު، މިހާރު އަމަލު ކުރަމުންދާ ފެހި ގާނޫނު އަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ މެމްބަރުކަން އަދާކޮށްފައިވާ ބޭފުޅަކަށް ވެފައި، 2009 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރަށް ރައްޔިތުން މަޖިލީހުގެ ވ. ފެލިދޫ ދާއިރާގެ މެމްބަރުކަން ކުރައްވާފައި ވުމުން އޭނާއަކީ ގަދަރުވެރި ޝަހްސިއްޔަތަކަށް ވާކަމަށް ބުނެ، އަދި ޓޫރިޒަމް ސިނާޔަތުގައި 1993 ވަނަ އަހަރުން ފެށިގެން އަމިއްލަ ވިޔަފާރީކޮށް އާންމުދަނީ ހޯދަމުން ދާކަމަށް ބުނެ،
- 21 ވަނަ މާއްދާގެ ދަށުން އޭނާއަކީ ހިތަށް ހޮޅިކޮޅެއް ލެއްވުމަށް ސާޖަރީއެއް ކޮށްފައިވާ މީހަކަށް ވެފައި، ހާސްކަމާއި ދުރުގައި އުޅުމަށް ޑޮކްޓަރު އިރުޝާދު ދީފައި ވާތީ ހާއްސަ އަޅާލުމަށް ބޭނުންވާ މީހެއް ކަމަށް ބުނެ،
މި ނުގުތާތަށް ފާހަގަކުރުމަށްފަހު ނައީމްގެ ފަރާތުން ވަނީ އޭނާގެ މައްޗަށް ސާބިވި ކުށުގެ އަދަބުގެ ދެބައިކޮޅު އެއްބައި ގޭ ބަންދަށް ބަދަލުކޮށްދިނުމަށް އެދިފައެވެ. އަދި ޖޫރިމަނާއެއް ކުރުމަށްފަހު ކަމުގައި ވީނަމަވެސް އަދަބު ލުއިކޮށްދިނުމަށް ދިފާއުން އެދުނެވެ.
"ކުށުގެ އަދަބުގެ ބައެއްގެ ގޮތުގައި ޖޫރިމަނާ އެއް ހިމެނުމަކީ ކުރެވޭ މަލާމާތެއް ކަމުގައި ނޫނީ ވެގެން ނުވާނެ،" ހައިކޯޓުގެ (އިބްރާހިމް ޝާހިދު ވ ދައުލަތް) ގަޒިއްޔާއަށް ހަވާލާދެމުން ދައުލަތުގެ ވަކީލުން ވިދާޅުވިއެވެ.
ދައުލަތުގެ ވަކީލް ވިދާޅުވީ ޖަލު ބަންދުން، ގޭ ބަންދަށް ބަދަލުކޮށްދެނީ ކުދި ކުށްތަކުގައި ކަމަށެވެ. އަދި ޔޫސުފް ނައީމްއަކީ ރައްޔިތުން މަޖިލީހުގެ މެމްބަރުކަމާއި ހާއްސަ މަޖިލީހުގެ މެމްބަރުކަންވެސް ކުރައްވާފައިވާ ބޭފުޅަކަށް ވާތީ، އޭނާގެ މައްޗަށް ސާބިތުވި ކުށް ރަނގަޅަށް އެނގޭނެ ކަމަށެވެ. އަދި އެ ފަދަ ކުށްތަކާއި ދުރުވުމަށް ހާއްސާ ސަމާލުކަމެއް ދޭން ޖެހޭނެ މީހެއްގެ ގޮތުގައި ބެލެވޭނެ ކަމަށެވެ. އެކަމަށް އިޝާރާތްކޮށް، ދައުލަތުން ދެކުނީ، އޭނާ ކުށް ކުރީ ކުށުގެ ދަރަޖަ އެނގި ހުރެ ކަމަށެވެ. އެެހެންވެ އަދަބު ލުއި ކޮށްދިނުމަށް ދައުލަތުން އިންކާރު ކުރި އެވެ.
އާރަށުގެ މައްސަލައިގައި ޔޫސުފް ނައީމް 3 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފި
ކުށް ސާބިތުވި ކަމަށް ކަނޑައެޅުމުގައި ފަނޑިޔާރު ރިޔާއަތް ކުރި ބައެއް ކަންކަން:
- އެމްއެމްޕީއާރުސީ މެދުވެރިކޮށް އާރަށް ކުއްޔަށް ދޫކުރަން ޔާމީން މަސައްކަތް ކުރި ކަމަށާއި ޔޫސުފް ނައީމަށް އެ ރަށް ދޭން އުޅުނު ކަން އެނގެން އޮތުމުން
- ރިޝްވަތުގެ ފައިސާ ހޯދުމަށް ޔާމީން އެކި ފަހަރު މަސައްކަތް ކޮށްފައިވާ ކަމާއި، އެދިވަޑައިގަތް އަދަދަށް އެމަނިކުފާނުގެ އެކައުނޓަށް ފައިސާ ޖަމާވިކަން ހެކިތަކުން ސާބިތުވުމުން
- މަނީ ލޯންޑްރިންގެ ދައުވާގެ ދެ ރުކުން ކަމުގައިވާ ކުށް ކޮށްގެން ހޯދައިގެންވާ ފައިސާއެއް ކަމާއި، ކުށްކޮށްގެން ހޯދި ފައިސާއެއް ކަން އެނގިހުރެ ބޭނުން ކުރި ކަން ދައުލަތަށް ޝައްކެއް ނެތް މިންވަރަށް ސާބިތުކޮށްދެވިފައި ވުމުން.
މި މައްސަލާގައި ދައުވާ އުފުލާފައި ވަނީ 24 ނޮވެމްބަރު 2021 ގައެވެ. އެއީ ގއ. ވޮޑުމުލާ މައްސަލާގައި ކްރިމިިނަލް ކޯޓުން ކުރި ޖަލު ބަންދު، ގޭ ބަންދަށް ލުއިކޮށްދީފައި ވަނިކޮށެވެ. އެ ހުކުމް ސުޕްރިމް ކޯޓުން ބާތިލް ކުރީ އޭގެ ހަފްތާއެއް ފަހުން 30 ނޮވެމްބަރު 2021 ގައެވެ.
ރިސޯޓެއް ގޮތަށް ތަރައްގީ ކުރުމަށްޓަކައި ވ. އާރަށް ބޭރު ބަޔަކަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު (15.3 މިލިއަން ރުފިޔާ) އެމަނިކުފާނުގެ ބޭންކު އެކައުންޓަކަށް ޖަމާކޮށްފައިވާ ކަން މިއަދު ކްރިމިނަލް ކޯޓުގައި ސާބިތުވެފައި ވާއިރު، އަދި އިތުރު ދައުވާއެއް އެ ކޯޓުގައި އެބަ އޮތެވެ. އެއީ ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ޔާމީން ރިޝްވަތު ނެންގެވި ކަމަށް ބުނެ ހުށަހަޅާފައިވާ ދައުވާއެކެވެ.
ދައުލަތުން ތުހުމަތުކުރާ ގޮތުގައި ނުފޫޒު ބޭނުންކުރައްވައިގެން ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި ޔާމީން 1،117،000 ޑޮލަރު ހޯއްދެވި އެވެ. އަދި އެ ފައިސާ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން ލޯންޑާކޮށްފައިވާ ކަމަށް ވެސް ދައުލަތުން ބުނެ އެވެ. ޔާމީންގެ އިތުރުން މއ. ކުރިކީލަހިޔާ، އަހުމަދު "ކްރިކް" ރިޒާއަށް ވެސް އެ މައްސަލާގައި ދައުވާ ކުރެއެވެ. އެމައްސަލައިން އިސް ގާޒީ އަހްމަދު ޝަކީލް ތަނާޒުލްވުމާއި ގުޅިގެން އެ މައްސަލަ ޖެނުއަރީ 3، ވަނަ ދުވަހު ގާޒީ އަލީ ނަދީމް ބައްލަވަން ފަށާނެއެވެ. އެ މައްސަލަ ކުރިއަށް ގެންދާނެ ގޮތުގެ ތާވަލެއްވެސް ކޯޓުން މިހާރު ވަނީ އެކުލަވާލާފަ އެވެ.