5 ޑިސެމްބަރު 2025

ސަރުކާރުން ކުރާ ކަންކަން ރައްޔިތުންނަށް އެނގެންޖެހެނީ ކިހާ މިންވަރަކަށް

މިނިވަން
1 އަހަރު ކުރިން
ގައުމާއި ސަރުކާރާ ގުޅޭ ކަންކަން ހާމަކުރުމުގެ މިންވަރު ގުޅިފައި އޮންނަނީ އެގައުމެއްގައި ހިންގަމުންއަންނަ ވެރިކަން ހިންގުމުގެ ނިޒާމަކާއި އެގައުމެއް ތަރައްގީވެފައިވާ މިންވަރުގެ މައްޗަށެވެ. އެގޮތުން ކަންކަން ހާމަކުރާ މިންވަރާއި ނޫސްވެރިކަމުގެ މިނިވަންކަމާއި، ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ފަދަ ކަންކަންވެސް ގުޅިފައި އޮންނަނީ މިދެންނެވިފަދައިން އެކަންކަމާ ގުޅިފައެވެ. ތަރައްގީވެފައިވާ ޑިމޮކްރެޓިކް ސަރުކާރުތައް ހިންގަމު ން އަންނަ ގައުމުތަކުގައި ގައުމާއި ސަރުކާރާއި ގުޅޭ ގިނަ މައުލޫމާތު ތަކަކީ އާއްމުކޮށް ލިބެންހުންނަ (ޕަބްލިކް ޑޮމައިން) މައުލޫމާތު ތަކެވެ. އެގޮތުން އެ ގައުމު ތަކުގެ އިޤްތިސާދީ ޙާލަތާއި، އުމްރާނީ ތަރައްގީއާއި، އިޖްތިމާއީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކާއި، ގައުމީ ސަލާމަތާ ގުޅުންހުރި އާއްމުކުރެވެން ހުންނަ މައުލޫމާތު އެކަން ކުރެވެން އޮންނަ އެއްމެ މަތީ ދަރަޖައަށް އާއްމުކުރަމުންގެންދެއެވެ. އަދި އެފަދަ މައުލޫމާތުތައް ހޯދަން މުއްއްސަސާތަކަށް ނުގޮސް ބޭނުން ވަގުތަކު އެމައުލޫމާތު ބެލޭނެ އިންޒިޒާމް އެ ގައުމުތަކުގައި ހުންނަނީ ހަމަޖައްސާފައެވެ. އޭގެ އިތުރުން އެ ގައުމުތަކުގައި ތަންފީޒު ކުރަމުންއަންނަ މައުލޫމާތު ހޯދައި ލިބިގަތުމުގެ މިނިވަންކަމުގެ ގާނޫނުތަކުގެ ދަށުން އެފަދަ މައުލޫމާތު ހޯދަން އެދެން ނުޖެހޭ މިންވަރަށް އެފަދަ ގައުމުތަކުގެ ސަރުކާރުތަކުން އެ މައުލޫމާތު އާއްމުކުރަމުންގެންދާކަން ފާހަގަކުރެވެއެވެ. އެގޮތުން ވުޒާރާތަކުގެ މަސައްކަތްތަކާއި ތަފާސް ހިސާބުތަކާއި ދިރާސާތަކާއި ބަޖެޓާއި ގުޅޭ ހުރިހާ މައުލޫމާތު ތަކަކީ އާއްމު މައުލޫމާތުތަކެވެ. ޑިމޮކްރެޓިކް ނިޒާމު ތަކަށް ސަރުކާރު ހިންގާ ތަރައްގީވަމުން އަންނަ ގިނަ ގައުމުތަކުގައި، ސައްހަ މައުލޫމާތު މެދުނުކެނޑި ފެތުރުމުގެ އިންފްރާސްޓްރަކްޗާ ސަރުކާރުތަކުގައި ނެތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެފަދަ ގައުމުތަކުގައި އަމަލުކުރާ ނިޒާމަކީ ޑިމޮކްރެޓިކް ނިޒާމެއްނަމަ ދައުލަތުގެ ގާބިލްކަން ހުރި މިންވަރެއްގެ މަތިން މައުލޫމާތު އާއްމު ކުރަމުންގެންދަންޖެހޭނެއެވެ. އަދި މއެ ގައުމުތަކުގައި ތަންފީޒުކުރާ މުއުޅުމާތު ހޯދާ ލިބިގަތުމުގެ ގާނޫނު ތަކުގެ ދަށުން ރައްިތުން ހޯދަން ބޭނުންވާ މައުލޫމާތު ފޯރުކޮށްދޭން ޖެހޭނެއެވެ. ނަމަވެސް އެފަދަ ގައުމުތަކުގައި ސިޔާސީ ހަމަޖެހުމާއި ދާހިލީ ނުފޫޒާއި ކޮރަޕްޝަންގެ ސަބަބުން މައުލޫމާތު އާއްމުކުރުމަށް ފަސްޖެހުމާއި ރައްޔިތުންނާ ހަމައަށް ދޮގު މައުލޫމާތު ގެނެސް ދިނުންފަދަ ކަންކަން ކުރިމަތިވެއެވެ. އެކަން ކުރިމަތިވަނީ އެފަދަ ގައުމުތަކުގައި ހުންނަ ޑިމޮކްރެޓިކް މުއައްސަސާތަށް ސަރުކާރުގެ ނުފޫޒުގެ ދަށުވެ އެ މުއައްސަސާތަކުގެ ވެރިންގެ ކަރަޕްޝަން ބޮޑުވުމާއި މަގާމާއި ވަޒީފާގެ ބޭނުން ނިހާޔަތައް ބޮޑުވެފައި ވާތީއެވެ. އެހެންކަމުން އެފަދަ ސަރުކާރުތަކުގައި ސިޔާސީވެރިން ރައްޔިތުންނާ މެދު އަމަލުކުރާނީ ސިސްޓަމުން ބޭރުން އެމީހުންނަށް އެއްމެ ބޮޑު މަންފާ އަކާއި ތާއިދެއް ރައްޔިތުންގެ ފަރާތުން ލިބޭނެ ގޮތްތަކުގެ މަތިންނެވެ. އެހެންކަމުން އެފަދަ ސަރުކާރުތައް ހިންގާ ގައުމުތަކުގައި ހުންނަ މައުލޫމާތު ހޯދައި ލިބިގަތުގެ ގާނޫނު ތަކާއި މައުލޫމާތު ހާމަ ކުރުމުގެ ގާނޫނު ތައްވެސް ޕެރަލައިޒްވެއެވެ. އޮތޯރިޓޭޓިވް ނުވަތަ ޓޮޓޮލިޓޭރިއަން ސަރުކާރުތަކަކީ މައުލޫމާތު ހާމަކުރުން ވަރަށް ބޮޑަށް ކޮންޓްރޯލް ކުރާ ސަރުކާރުތަކެކެވެ. އެގޮތުން  ރައްޔިތުންނާ ހަމައަށް ތިލަވާނީ ހަމައެކަނި ރައްޔިތުންނާ ހަމައަށް ތިލަކޮށްދޭން ސަރުކާރުން ބޭނުންވާ މައުލޫމާތު އެކަންޏެވެ. ބޮޑަށް ސަރުކާރުގެ ޕްރޮޕެގެންޑާއެވެ. މިފަދަ ސަރުކާރުތަކުން މައުލޫމާތު ހޯދައި ލިބިގަތުމަށް ކުރާ މަސައްކަތަކީ ނާޒުކު މަސައްކަތްތަކަކަށް ވާއިރު އެ ފަދަ ގައުމުތަކުގައި އިންޓަނެޓާއި އަދި ދުނިޔޭގެ އެހެން ގައުމުތަކުން ފޯރޮށްދޭ މައުލޫމާތާއި ޙަބަރުތައްވެސް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމުގައި ސަރުކާރުގެ ކޮންޓްރޯލްތައް ގެންގުޅެއެވެ. ގައުމީ ސަލާމަތާއި ދިފާއީ އަދި އިންޓެލިޖެންސް އޮޕަރޭޝަންތަކާ ގުޅުންހުރި ބައެއް ނާޒުކު މައުލޫމާތުތައް ހުރިހާ ސަރުކާރަކުން ވެސް ހިފަހައްޓައެވެ. ސަލާމަތީ ސަބަބުތަކަށްޓަކައި ގިނަ ފަހަރަށް މިކަންކަން ގިންތިކުރެވިފައި ވީ ނަމަވެސް ޑިމޮކްރެޓިކް މުޖުތަމަޢުތަކުގައި ކޮންމެވެސް މިންވަރަކަށް ޕަބްލިކް ފޯރަމްތަކުގައި އެކަންކަމާގުޅޭގޮތުން ބަހުސްކުރެއެވެ. ޖުމްލަގޮތެއްގައި، ސަރުކާރަކުން ޙިއްޞާކުރާ މަޢުލޫމާތުގެ މިންވަރު ބިނާވެފައިވަނީ ދެފުށް ފެންނަ، ނޫސްވެރިކަމުގެ މިނިވަންކަމާއި، ހުޅުވާލެވިފައިވާ ކަންކަމަށް ސަރުކާރުން އެއްބާރުލުން ދޭން ކަނޑައެޅިފައިވާ މިންވަރެއްގެ މައްޗަށެވެ.

An error has occurred. This application may no longer respond until reloaded. Reload 🗙