30 ޖެނުއަރީ 2025

އަދުރޭ ވިދާޅުވަނީ ފައިސަލް ވަޒީރުކަމުން ވަކިކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް

އަޙްމަދު ފައުޒާން
1 ދުވަސް ކުރިން

ޓޫރިޒަމް މިނިސްޓަރުގެ މަގާމުން އިބްރާހިމް ފައިސަލް ވަކި ކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ފައިސަލްގެ ބައްޕަ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވީ ޓޫރިޒަމް މިނިސްޓަރުކަމުގެ މަގާމުން ފައިސަލް ވަކިކުރެއްވުމާ ގުޅިގެން ’ދައުރު‘ ނޫހަށް ދެއްވި އިންޓަވިއުއެއްގަ އެވެ.

ދައުރު ނޫހުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ ފައިސަލް ވަޒީރު ކަމުގައި މިވީ ދުވަސްތަކުގައި ހިޔާނާތުގެ އެއްވެސް ކަމެއް ހިންގަވާފައި ނުވާ ކަމަށާއި ރައީސް ކަނޑައެޅުއްވި ލަނޑުދަނޑިތައް ވެސް ފައިސަލް ހާސިލްކުރައްވާފައިވާ ކަމަށެވެ.

މިއީ ފައިސަލްގެ ވެސް ވަރަށް ބުރަ މަސައްކަތާއި ވަރަށް ބޮޑު ބައިވެރިވުމަކާ އެކު ގެނައި ވެރިކަމެއް މިއީ. އަނެއްކާ އޭނާއާ ގުޅޭ ގޮތުން މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އެއްވެސް [ގޯސް] ކަމެއް ފާހަގަވެފައެއް ނެތް. އެހެން ވީމާ ފައިސަލް ވަކިކުރަން ޖެހޭ އެއްވެސް ސަބަބެއް އޮތް ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން.

ފައިސަލް ވަކިކުރުމަކީ ވަރަށް ދެރަވަރުކޮށް ކުރެއްވި ކަމެއްކަން ފާހަގަ ކުރައްވައި އަބްދުއްރަހީމް ވިދާޅުވީ އޭނާގެ ފަރާތުން ވެސް އަދި ފައިސަލްގެ ފަރާތުން ވެސް މި ސަރުކާރަށް އަދި ރައީސްއަށް ވެސް ދެރަވާނޭ އެއްވެސް ކަމެއް ކޮށްފައެއް ނުވާނެ ކަމަށެވެ.

ރައީސް މުއިއްޒާއި އަބްދުއްރަހީމްގެ ގުޅުމާ މެދު ދައުރު ނޫހުން ސުވާލުކުރުމުން އޭނާ ވިދާޅުވީ، ”އަޅުގަނޑާ ރައީސް އާ ދޭތެރޭ ގުޅުން ރަނގަޅު ނަަމަ މިކަން ނުހިނގާނެ“ ކަމަށެވެ.

މިވެރިކަން ފެށުނުއިރު [ރައީސް މުއިއްޒުއާ އެކު] އޮތް ގާތްގުޅުމާއި އިތުބާރު އޮތް ނަމަ މިކަން މިގޮތަށް ނުހިނގާނެ،“ އަބްދުއްރަހީމް ވިދާޅުވި އެވެ.

ފައިސަލް ޓޫރިޒަމް މިނިސްޓަރުގެ މަގާމުން ވަކިކުރެއްވުމަށް ފަހު އެ މިނިސްޓްރީގެ ހިންގުން ވަގުތީ ގޮތުން ރައީސް މުއިއްޒު ހަވާލު ކުރެއްވީ ނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދުއާ އެވެ.

ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް ފައިސަލް އައްޔަންކޮށްފައިވަނީ ނޮވެމްބަރު 17، 2023 ގަ އެވެ. ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ފައިސަލް ހުންނެވީ 1 އަހަރާ 2 މަހާއި 12 ދުވަހު އެވެ.

ޓޫރިޒަމް މިނިސްޓަރެއްގެ ގޮތުގައި ހުންނެވި މުއްދަތުގައި ފައިސަލް ވަނީ ގިނަ އަދަދެއްގެ ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރައްވާފަ އެވެ. މީގެ ތެރޭގައި ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ އާދަތަކަށް އިސްކަންދިނުމާއި، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 2 މިލިއަނަށް އިތުރުކުރުމަށް ކުރެއްވި މަސައްކަތް ހިމެނެ އެވެ.

ފައިސަލް މަގާމުން ވަކިކުރެއްވި ސަބަބާ ގުޅޭގޮތުން މިވަގުތާ ހަމައަށް ރަސްމީ އެއްވެސް މައުލޫމާތެއް ހާމަކުރައްވާފައެއް ނުވެއެވެ.

An error has occurred. This application may no longer respond until reloaded. Reload 🗙