30 ޖެނުއަރީ 2025

ޕޮލްކޯގެ ހިޔާނާތުގެ މައްސަލަ ބެލުން އަވަސްކުރަނީ

އަޙްމަދު ފައުޒާން
1 ދުވަސް ކުރިން

ހުޅުމާލޭގައި ފްލެޓު އިމާރާތްކުރުމުގައި ވަކި ބަޔަކަށް ފައިދާވާ ގޮތަށް ފުލުހުންގެ ވެލްފެއަރ ކުންފުނި، ޕޮލްކޯއިން ޢަމަލުކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަމުން އަންނަ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ހާމަކޮށްފި އެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި މަޝްރޫޢަށް މިހާތަނަށް 1 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، 355 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާ ވެއެވެ. މި މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ކޮންޓްރެކްޓަރުންނާއެކު ވެފައިވާ އެއްބަސްވުންތަކަށް އެކި ފަހަރު މަތިން ބޮޑެތި ބަދަލުތައް ގެނެސްފައިވާކަން ފާހަގަކޮށްފައިވެ އެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، މި މުޢާމަލާތްތަކުގެ ތެރެއިން ކޮންޓްރެކްޓަރަށް ނުވަތަ ވަކި ބަޔަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ މަޤްޞަދުގައި ކަންކަން ކޮށްފައިވާ ކަމަށް ބެލެވެ އެވެ. މި ކަމުގައި ޝާމިލުވާ ހުރިހާ ފަރާތްތައް ހޯދައި ފިޔަވަޅު އެޅުމަށް އޭސީސީ އާއި އެހެން ތަޙްޤީޤީ އިދާރާތަކަށް ހުށަހެޅުމަށް އޮޑިޓަރ ޖެނެރަލް ލަފާދެއްވާފައިވެ އެވެ.

2013 ވަނަ އަހަރުގެ ޖޫން 23 ވަނަ ދުވަހު ފެށުނު މި މަޝްރޫޢަކީ ފުލުހުންގެ ހައުސިންގ ޕްރޮޖެކްޓް، ބްލޫސް ހައުސިންގގެ ނަމުގައި ފެށި މަޝްރޫޢެކެވެ. މި މަޝްރޫޢު އެންމެ ފުރަތަމަ ހަވާލުކުރެވުނީ ނޫމަޑި ކިޔާ ކުންފުންޏަކަށެވެ.

އޮޑިޓް ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައިވަނީ، މަޝްރޫޢުގެ މަސައްކަތްތައް ނުނިމި ލަސްވެގެން ދިއުމާއި، ކޮންޓްރެކްޓަރަށް ސީދާ ފައިދާވާ ގޮތަށް އަދި ދައުލަތަށް ގެއްލުންވާ ގޮތަށް ޢަމަލުކޮށްފައިވާ ކަމަށެވެ. އަދި މިކަން ހިނގަމުންދިޔައިރު ޕޮލްކޯގެ ޑިރެކްޓަރުންގެ ބޯޑުގައި ތިބި ފަރާތްތަކާއި އިސްވެރިން، އެކަމުގައި ބަލަންޖެހޭ ކަންކަން ބަލައި ފިޔަވަޅު އަޅާފައިނުވާތީ އެ ފަރާތްތައް ޒިންމާކުރުވަން ޖެހޭނެ ކަމަށްވެސް އޮޑިޓަރ ޖެނެރަލް ވަނީ ލަފާދެއްވާފަ އެވެ.

An error has occurred. This application may no longer respond until reloaded. Reload 🗙