30 ޖެނުއަރީ 2025

ގައުމީ މަޝްރޫޢުއެއްގެ ގޮތުގައި ކުރިއަށްއޮތް 2 އަހަރު އުތީމުގައި ގައުމީދުވަސް ފާހަގަކުރަން ސަރުކާރުން ނިންމަވައިފި

ވިޝާން އަޙްމަދު
1 ދުވަސް ކުރިން


ޤައުމީ މަޝްރޫޢެއްގެ ސިފައިގައި މި އަހަރާއި އަންނަ އަހަރުގެ ޤައުމީ ދުވަސް ރަސްމީ ސިފައެއްގައި ފާހަގަކުރައްވާނީ ހއ. އުތީމުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ވިދާޅުވެއްޖެ އެވެ.

ތިލަދުންމަތީ އުތުރުބުރީގެ 10 ރަށަކަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު އުތީމަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ދެއްކެވި ވާހަކަފުޅުގައި ރައީސް ޑރ.މުއިއްޒު ވިދާޅުވީ މިހާތަނަށް ސަރުކާރުތަކުން ސަމާލުކަން ދެއްވާފައި ނުވާ މިންވަރަށް ސަމާލުކަން ދެއްވައިގެން މި އަހަރާއި މި އަންނަ އަހަރު، ހއ. އުތީމުގައި ޤައުމީ ފެންވަރެއްގައި ޤައުމީ ދުވަސް، ފާހަގަކުރައްވާނެ ކަމަށެވެ. 

އުތީމު ގަނޑުވަރާއި އެހެން ހަދާންތައް މިއަދުވެސް ފެންނަން ހުރިއިރު، އެ ފަދަ ތަންތަން ބެލެހެއްޓުމަށްޓަކައި މުހިންމު މަސައްކަތްތަކެއް ކުރަންޖެހިފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ދިވެހި ޤައުމިއްޔަތުގެ އައިޑެންޓިޓީ ޙިމާޔަތްކުރުމަށްޓަކައި އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން، ޤައުމީ ވިސްނުންފުޅެއްގައި، ހުރިހާ ރައްޔިތުންގެ ޙައްޤުގައި، ކޮށްދެއްވާ ކަމެއްގެ ގޮތުގައި، ކޮށްދެއްވަންޖެހޭ ކޮންމެކަމެއްވެސް ކޮށްދެއްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާފައެވެ.

ހއ. އުތީމުގައި ޤައުމީ ދުވަސް ފާހަގަކުރައްވަން ގަސްތުކުރައްވަނީ 2 އަހަރުގެ މަޝްރޫޢެއްގެ ގޮތުގައިކަން ސިފަކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިކަމުގެ ނަތީޖާއަކަށް ވާނީ، ފިކުރީ ގޮތެއްގައި ޤައުމީ ވިސްނުމުގެ ފިކުރު ފެތުރުމުގައި، ހއ. އުތީމަށް އަދާކުރެވޭނެ ދައުރަށް ފަހި މަގެއް ކޮށިގެން ދިއުން ކަމަށާއި، ހއ. އުތީމަކީ، ދިވެހި ޤައުމިއްޔަތު އިޔާދަކޮށް، ކުރިއަށް އަންނާން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގައި، އަދުގެ ސަރުކާރުން ފައްޓަވާފައިވާ މަސައްކަތުގައި މުހިންމު ދައުރެއް އަދާކުރާ، އަދި ކުރަންޖެހޭ ރަށެއް ކަމުގައެވެ.

An error has occurred. This application may no longer respond until reloaded. Reload 🗙