މުޙައްމަދު ވިޝާންއިންސްޓަންޓް ނޫޑްލްސް އަކީ ދިވެހިންގެ ތެރޭގައިވެސް ވަރަށް މަގްބޫލު ކެއުމެކެވެ. ކުޑަވަގުތުކޮޅެއްގެ ތެރޭގައި ފަސޭހައިން ތައްޔާރުކޮށްލެވޭ ކެއުމެއްގެ ގޮތުގައި ބޭނުންކުރަމުންއަންނަ އިންސްޓަންޓް ނޫޑްލްސް ބޭނުންކޮށްގެން ތައްޔާރުކުރާ އެކި ބާވަތްތަކުގެ ކެއުމަކީ ރާއްޖޭގެ ކެފޭ ރެސްޓޯރެންޓް ތަކުގައިވެސް އެއްމެ ހިނގާ މެނޫ އެވެ.
އިންސްޓަންޓް ނޫޑްލްސް އަކީ ޕްރީ-ކުކް ކުރުމަށްފަހު ޕްލާސްޓިކް ނުވަތަ ފޯމް ކަޕެއްގައި ނުވަތަ
ޕްލާސްޓިކް ކޮތަޅެއްގައި ޕެކްކޮށްފައި ހުންނަ އެއްޗެއްކަމުން ނޫޑްލްސް ރީހައިޑްރޭޑްކުރުމަށް ބޭނުންވަނީ ހަމައެކަނި ކެކިކެކި ހުންނަ ފެން ނުވަތަ މައިކްރޯވޭވް އެއް ކަމަށްވާތީ، އިންސްޓަންޓް ނޫޑްލްސް އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަރަށްބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ އެއްޗެކެވެ.
އިންސްޓަންޓް ނޫޑްލްސް އަށް ތަފާތު އެހެން ބާވަތްތައް އެއްކޮށްގެން ތަފާތު ނަން ނަމުގައި ރެސްޓޯރެންޓް ތަކުން ފޯރުކޮށްދޭ ނޫޑްލްސް އަކީ އިންސާނުންގެ ހަށިގަނޑަށް ނުރައްކާކުރާ އެއްޗެއްކަމަށް ސިއްހީ ދިރާސާވެރިން ކޮށްފައިވާ ދިރާސާތަކުން ވަނީ ދައްކާފައެވެ.
އެގޮތުން އެފަރާތްތަކުން ބުނެފައިވަނީ ހަފްތާއަކު 2 ނުވަތަ 3
ފަހަރަށްވުރެ ގިނައިން އިންސްޓެންޓް ނޫޑްލްސް ކެއުމުން ހިތުގެ ބައްޔާއި، ސްޓްރޯކް ޖެހުން އަދި ހަކުރު ބަލި ޖެހުމުގެ ރިސްކް ވަރަށް ބޮޑުކަމަށް ދިރާސާތަކުން ދައްކާފައިވާ ކަމަށެވެ.
ޖާނަލް އޮފް ނިއުޓްރިޝަން އިން ކުރި މިދިރާސާގައި ބުނެފައިވަނީ ސައުތު ކޮރެއާގައި އާންމުކޮށް އިންސްޓަންޓް ނޫޑްލްސް ކާ ފާރާތަތައް ހިމަނައިގެން ކުރި ދިރާސާއިން ދައްކާ ގޮތުން އިންސްޓެންޓް ނޫޑްލްސް ކެއުމުން މެޓަބޮލިކް ސިންޑްރޯމް ކިޔާ ހާލަތެއް ހަށިގަނޑަށް މެދުވެރިވާކަމަށާއި، މި ޙާލަތް މެދުވެރިވަނީ އިންސްޓެންޓް ނޫޑްލްސްގައި ހުންނަ ސޯޑިއަމް ނުވަތަ ލޮނާއި، ހަށިގަނޑަށް ގެއްލުންދެނިވި ފެޓްސް އާއި ޕްރިސަރވޭޓިވްސް ގެ ސަބަބުންކަމަށެވެ.
އެހެންކަމުން، މެޓަބޮލިކް ސިންޑްރޯމް އަކީ ހިތުގެ ބައްޔާއި، ސްޓްރޯކް ޖެހުން އަދި ހަކުރު ބަލި ޖެހުމަށް މަގުފަހިވާކަމެކެވެ. އެހެންކަމުން އިންސްޓެންޓް ނޫޑްލްސް އަކީ އެއްގޮތަކަށްވެސް ކެއުން ރަނގަޅު އެއްޗެއް ނޫން ކަމަށް ސިއްހީ ދިރާސާވެރިން ވަނީ ބުނެފައެވެ.