މުޙައްމަދު ވިޝާންހާއްސައެހީއަށް ބޭނުންވާ ފަރާތްތައް ޝާމިލްކުރަނިވި މާހައުލެއްގައި ތަމްރީން އަދި ހުނަރު ދަސްކޮށްދިނުމަށް ތަރައްޤީކުރާ "އެމްޕަވަރމަންޓް ހަބް" ތަރައްޤީކުރުމަށް މޯލްޑިވްސް ޒަކާތު ހައުސްއާއެކު މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާތަކުގައި ބައިވެރިވެފައިވ
ަނީ ދިވެހިރއްޖޭގެ ޒަކާތު ހައުސްއާއި މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އާއި ފަހި ދިރިއުޅުން ކޯޕަރޭޝަން އެވެ.
އިސްލާމީ މަރުކަޒްގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާއި، ޖެންޑަރ މިނިސްޓަރ ޑރ. ޢައިޝަތު ޝިހާމްގެ އިތުރުން ފަހި ދިރިއުޅުން ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މީގެ އިތުރުން ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް
ޢިއްޒުދީން ޢަދުނާންއާއި ޒަކާތު ހައުސްގެ ބައެއް އިސްވެރިންނާއި ޖެންޑަރ މިނިސްޓްރީ އާއި އެފްޑީސީ ގެ އިސް ބޭފުޅުންވެސް ބައިވެރިވެވަޑައިގެންފައި ވެއެވެ.
"'އެމްޕަވަރމަންޓް ހަބް" ގެ ޚިދުމަތް އަމާޒުކޮށްފައިވަނީ އުމުރުން 40-18 އަހަރާއި ދެމެދުގެ އުމުރުފުރާގެ މީހުންނަށެވެ. މި ހަބްގެ އަމާޒަކީ ސްކޫލްގެ މަރުހަލާ ފުރިހަމަކުރުމަށްފަހުގައި މުޖުތަމަޢުގެ ނުކުންނަ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދެނެގަނެ، އެފަރާތްތަކުގެ ހުނަރު ތަރައްޤީކުރުމާއި، މަސައްކަތުގެ ތަޖުރިބާއާއި، އިޤްތިޞާދީ މިނިވަންކަމަށް މަގުފަހިކޮށްދޭ ފުރުޞަތުތައް ހޯދައިދިނުން ކަމަށް ޖެންޑަރ މިނިސްޓްރީން ބުނެއެވެ.
ޖުމްލަ 5500 އަކަފޫޓުގެ ޖާގައެއްގައި ހުޅުމާލެ ފޭސް 2 ގައި ހުޅުވާ މި ހަބްގައި ހުންނާނެ ބައިތަކުގެ ތެރޭގައި ހޮސްޕިޓަލިޓީ އަދި ކަލިނަރީ ތަމްރީނާއި މަސައްކަތުގެ ތަޖުރިބާ ފޯރުކޮށްދިނުމަށްޓަކައި އިންކްލޫސިވް ކެފޭ އަކާއި، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް އުފައްދާ ތަފާތު ތަކެތި މާކެޓްކޮށް ވިއްކުމަށް ޢާންމުންނަށް ހުޅުވާލެވިފައިވާ ފިހާރަ އެއް ހިމެނެއެވެ.
ހަބްގެ ހަރަކާތްތަކުގައި ބައިވެރިވާ ފަރާތްތަކުގެ ޝައުޤުވެރިކަމާއި ގުޅުންހުރި އަދި ހުނަރު ތަރައްޤީ ކުރުމަށް ތަފާތު ޕްރޮގްރާމްތައް ހިންގުމަށް ހަބްގައި 3 ވޯރކްޝޮޕް ޖާގައެއްގެ އިތުރުން، ކޮމްޕިއުޓަރާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ތަމްރީން ދޭ ތަނެއް ހިމެނެއެވެ. މީގެއިތުރުން ހަބްގައި އިޖްތިމާޢީ ގުޅުން ބަދަހި ކުރުމަށް ތަފާތު ހަރަކާތްތައް ހިންގުމަށް އެކްޓިވިޓީ ރޫމް އަދި މަލްޓި މީޑިއާ ރޫމެއް ހުންނާނެކަމަށްވެސް ޖެންޑަރ މިނިސްޓްރީން ބުނެއެވެ.