29 ޖުލައި 2026

ވެރިކަން އެންޖޯއީކުރުން

މުޙައްމަދު ވިޝާން
1 އަހަރު ކުރިން

ދުނިޔޭގައި އެތަށް ސަތޭކަ ގައުމަކާއި އެތައް ހާސް ޖަމްއިއްޔާ ޖަމާއަތްތައް އޮންނައިރު ގައުމުތަކުގައި ވެރިކަން ކުރާން ތިއްބަވާ ފަރާތްތަކަށް ލައްކަ ގިނަ ދައުވަތުތައް ލިބެމުންދާނެ އެވެ. 

ބޮޑެތި ފަންޑިން ލިބިގެން ހިންގާ އެކި ކަހަލަ ޖަމްއިއްޔާ ޖަމާއަތްތަކުން އެފަރާތްތަކުން ހިންގާ އެކި ކަހަލަ ސެމިނާ ތަކާ ކޮންފަރެންސްތަކާއި އެނޫންވެސް ބައްދަލުވުންތަކުގައި ގައުމުތަކުގެ ސަރުކާރު ތަމްސީލްކުރާ ފަރާތްތަށް ބައިވެރިކުރުމަށްޓަކައި ލައްކަ ގިނަ ދައުވަތުތައް ފޮނުވައެވެ. އެފަރާތްތަކުގެ ކޮންފަރެންސް ނުވަތަ ބައްދަލުވުމުގެ ހައިބަތު ބޮޑުކޮށް އެފަރާތްތަކުންކުރާ ކަންކަން ދުނިޔެއަށް ތިލަކޮށްދީ ގިނަ ފަރާތްތަކެއް ޝާމިލް ކުރުމަށް އެފަދަ ފަރާތްތަކުން ވަރަށްބޮޑަށް މަސައްކަތް ކުރެއެވެ.

މިދެންނެވި ކޮންފަރެންސް ތަކާއި ބައްދަލުވުންތަކުގައި ރައީސުންނާއި މިނިސްޓަރުންނާއި އަދި އެހެން ރޭންކު ތަކުގެ ސަރުކާރު އޮފިޝަލުންނަށް ދައުވަތުތައް ފޮނުވަމުން ގެންދެއެވެ. ކޮންފަރެންސް ނުވަތަ ބައްދަލުވުމުގެ ހައިބަތު ބޮޑުކުރުމަށްޓަކައި އެފަރާތްތަކުން އެކަމަށް ވަރަށްބޮޑަށް ބާރުއަޅަމުންވެސް ގެންދެއެވެ. 

ލިބޭ ހުރިހާ ދައުވަތުތަކަށް މިނިސްޓަރާއި ވެރިން ރާއްޖެއިން ބޭރަށް ވަޑައިގަންނަވާނަމަ އުޅުއްވަންޖެހޭނީ މުޅިންވެސް ދަތުރުފުޅު ތަކުގައެވެ. މިނިސްޓްރީގެ މެންޑޭޓާއި ނުވަތަ ކުރަމުން އަންނަ މަސައްކަތްތަކާ ނުގުޅޭ އެފަދަ ބައްދަލުވުންތަކަށްވެސް ދައުވަތުތައް ލިބެމުންދެއެވެ. އަދި ގުޅުން ހުރި ނަމަވެސް އެ ބައްދަލުވުމަކަށް ދައުލަތުގެ ޓެކްސް ފައިސާ ޚަރަދުކޮސްގެން ގޮސްގެން ގައުމަށާއި ރައްޔިތުންނަށް ކުރާނެ ފައިދާއަކީ ކޮބައިތޯވެސް ބަލަން ވާނެ ތާއެވެ.

ސީރިއަސް ވެރިކަންތައްތައް ކުރާ ގައުމުތަކުގެ ސަރުކާރުން ފޯކަސްކުރާނީ ވެރިކަމުގެ މުއްދަތުގައި އެގައުމުގެ ރައްޔިތުންނަށް ސަރުކާރުން ކަންކަން ކޮށްދިނުމުގެ މައްޗަށެވެ. އެހެން ލިބޭ ދައުވަތުތަކަށް މަޖާކޮށްލައި ދައުލަތުގެ ފައިސާ އިސްރާފް ކުރަން ދަތުރުކުރާ ވަރަށްވުރެ އެ ފަރާތްތަކަށް ލިބިފައިވާ މުއްދަތުގެ ތެރޭގައި ރައްޔިތުންނަށް ކަންތައްތަކެއް ކޮށްދެވޭތޯ އެފަދަ ސަރުކާރުތަކުން ދާނީ ބަލަމުންނެވެ.

ނަމަވެސް އަމާޒެއްނެތި ސިޔާސީ ފިކުރިއްޔާތެއްނެތި ހަމައެކަނި ވެރިކަން ހޯދަން އުޅޭ ފަރަތެއް ނުވަތަ ފަރާތްތަކަކަށް ވެރިކަން ލިބުނީމާ ދެންވާނީ ކިހިނަކުން ތޯއެވެ. އެއަކަލަ ރަސްމީ އިންވިޓޭޝަންތައް ފެނި ވަގުތުން ހަނީމޫން ފަށާނީނޫންތޯއެވެ.

އާދެ، ވެރިކަން އެކަނި ހޯދަން މަސައްކަތްކުރާ ބަޔަކަށް ގައުމެއްގެ ސަރުކާރު ލިބިއްޖެ ނަމަ ދެންއޮންނާނީ ވެރިކަން އެންޖޯއީ ކުރުމެވެ. އެހާހިސާބުން އެންމެ ދައުވަތެއްވެސް ދޫކޮށްލާކަށް ބޭނުމެއް ނުވާނެތާއެވެ. އެ ދައުވަތަކީ އެއްވެސް ބޭނުމެއް ނެތް ގައުމަށާއި ރައްޔިތުންނަށް އެކަމުން ފައިދާއެއް ކުރާނެ ދައުވަތެއްތޯ ބެލުމެއް ނޯންނާނެ އެވެ. ބަލާނީ އެ ދައުވަތުގައި ވީއައިޕީ ދަތުރެއް ކޮށްލުމަށެވެ.

ހިތާމައަކީ ގައުމާއި ރައްޔިތުންގެ ހައްގުގައި މަސައްކަތެއް ކުރެއްވުމުގެ ބަދަލުގައި އެކުރައްވާ ބޭކާރު ވީއައިޕީ ދަތުރުގެ ކަންކަން ހަމަޖައްސަނީ ނިކަމެތި މީހާ ދޭ ޓެކްސް ފައިސާއިން ކަން އެފަރާތްތަކަށް ނުވިސްނުމުވެ.

ގުޅުންހުރި ލިޔުންތައް

An error has occurred. This application may no longer respond until reloaded. Reload 🗙