މުޙައްމަދު ވިޝާންޒަމާނުންސުރެ ބޭސްފަރުވާއަށް ދިވެހިން ސަލާންޖަހަމުން އައި އައުމަށް 2009 ވަނަ އަހަރު ނިމުން ގެނުވައި އާސަންދަ ތަޢާރަފް ކުރުމާއެކު ރާއްޖެއާއި ރާއްޖެއިން ބޭރުން ދިވެހިންނަށް ދައުލަތުގެ ޚަރަދުގައި ޒަރޫރީ ސިއްހީ ފަރުވާކުރެވޭނެ އިންތިޒާމް ހަމެޖެހިގެން ދިޔައެވެ.
ރާއްޖޭގެ ސިއްހީ ނިޒާމުގެ ތެރެއިން ފަރުވާކުރެވެންނެތް ބަލިތަ
ކަށް އަވަށްޓެރި ސްރީލަންކާ އާއި އިންޑިއާގެ އެންމެ ގިނައިން ދިވެހިން ގޮސްއުޅޭ ގިނަ ހޮސްޕިޓަލް ތަކަކުން އާސަންދަ މެދުވެރިކޮށް ހިލޭ ބޭސްފަރުވާ ކުރެވޭނެ އިންތިޒާމްވެސް ވަނީ ހަމަޖެހިފައެވެ.
އެހެންކަމުން ރާއްޖޭއިން ފަރުވާކުރެވެން ނެތް ބޮޑެތި ބަލިތަކަށް ދިވެހިން ދިޔައީ މިދެންނެވި ހޮސްޕިޓަލް ތަކުން ފަރުވާ ހޯދަމުންނެވެ. ބައެއް މީހުންގެ ފަރުވާ އަކީ އެތަށް މަހަކަށް ނުވަތަ އެތަށް އަހަރަކަށް ދިގުދެމިގެންދާ ފަދަ ބޮޑެތި ބަލިތަކަށް ކުރަމުން އައި ފަރުވާތަކެވެ.
ނަމަވެސް 2023 ވަނަ އަހަރު ސަރުކާރު ބަދަލުވެ އާސަންދަ ނިޒާމަށް ގެނައި ބަދަލާއެކު މިދެންނެވިފަދަ ފަރާތްތ
ަކުން ފަރުވާކުރަމުންދިޔަ އެތަށް ހޮސްޕިޓަލް ތަކުން އާސަންދައިގެ ޚިދުމަތް ވަނީ ކަނޑާލާފައެވެ. އެއާއެކު އެ ހޮސްޕިޓަލުތަކުން ދިގުމުއްދަތުގެ ފަރުވާތައް ކުރަމުންއައި ފަރާތްތަކަށް ގޮތެއްނެތި އެތަށް ދުވަހަކު ތިބެން ޖެހުނެވެ. އެއަށްފަހު ސަރުކާރުން ބުނާ ހޮސްޕިޓަލަކަށް ފަރުވާގެ ކަންކަން ބަދަލުކުރުމަށް ވަނީ މަޖުބޫރުވެފައެވެ.
ބައެއް ކަހަލަ ފަރުވާ ތަކަކީ އެތަށް ދުވަހެއް ވަންދެއް ވަކި ހޮސްޕިޓަލަކުން ހޯދަމުންއައި ފަރުވާއެއްނަމަ އެ ފަރުވާ ކުރިއަށްގެންދާ ހޮސްޕިޓަލް ބަދަލުކުރުމަކީ ބަލި މީހާ އަށް އޭގެ ވަރަށް ބޮޑެތި ނުރަނގަޅު އަސަރު ކުރާނެ ކަމެކެވެ. އެގޮތުން ފަރުވާގެ ހިސްޓްރީއާއި އަދި ބަލިމީހާގެ ކަންކަން ހޮސްޕިޓަލަށް އެނގޭ މިންވަރާއި، އަލަށް ބަދަލުވާ ހޮސްޕިޓަލުން ފަރުވާގެ ކަންކަން ދެނެގަނެ ބަލި މީހާއާއި މެދު ކަންކަން ކުރިއަށް ގެންދާނެ ގޮތްތަކެއް ނިންމުމުގައިވެސް ތަފާތު ތަކެއް ހުރުމަކީ އެކަށީގެންވާ ކަމެކެވެ.
އެގޮތަށް އެކަން ވާން ފެށުމުން ބަލި މީހާ ކުރިން ފަރުވާ ހޯދަމުންދިޔަ ހޮސްޕިޓަލަށް ގޮސް ރާއްޖޭގެ އާސަންދަ ކުންފުންޏަށް އެމީހާގެ ބައްޔަށް އެ ހޮސްޕިޓަލުން ކުރިއަށްގެންދިޔަ ފަރުވާ ހޯދުމުގެ މުހިއްމު ކަން ބުނެދީ އާސަންދަ ހަމަޖައްސައިދޭންވެސް ބައެއް ފަރާތްތަކުން ހޮސްޕިޓަލަށް އައިސް އެދެމުންދާކަމަށް އެފަދަ ހޮސްޕިޓަލެއްގެ އިންޓަރނޭޝަނަލް ކައުންޓަރުގައި މަސައްކަތްކުރާ މުވައްޒަފަކު ބުންޏެވެ.
އެ ފަރާތުން ބުނީ ކުރިން އެ ހޮސްޕިޓަލުން ފަރުވާ ހޯދަމުންދިޔަ ދިވެހިން އެގޮތަށް އައިސް ވަރަށް ގިނައިން ރިކުއެސްޓް ކުރަމުންއަންނަ ކަމަށާއި، ނަމަވެސް އެކަމުގައި ހޮސްޕިޓަލުން ކޮށްދެވޭނެ ކަމެއް ނެތްކަމަށް ބުނުމުންވެސް އާސަންދައަށް އީމެއިލް އެއް ނަމަވެސް ކޮށްލަދިނުމަށް އެދެމުންދާ ކަމަށެވެ.
އިތުރަށް އެފަރާތުން އެފަދަ ދިވެހިންނަށް ކުރިމަތިވެފައިވާ ގޮތާމެދު ހިތާމަ ކުރާ ކަމަށާއި، ނަމަވެސް އާސަންދަ އަކީ އެ ހޮސްޕިޓަލުތަކުން ރިކުއެސްޓްކޮށްގެން ހަމަޖެއްސޭނެ ކަމަކަށްނުވާތީ އެގޮތަށް ދިވެހިންނަށް ޖަވާބުދެމުންގެންދާ ކަމަށެވެ.
މިފަދަ ހިތާމަވެރި ހިތްދަތި ހާލަތުގައި ބޭރުގައުމެއްގެ ހޮސްޕިޓަލްތަކަށްގޮސް ދިވެހި ސަރުކާރުގައި އެމީހާގެ ފަރާތުން ސަލާންޖަހައި ދިނުމަށް އެދެންޖެހޭ ހިސާބަށް ކަންކަން ގޮސްފައިވުމީ ދިވެހިން ހާދަ ނިކަމެތި ދަރަޖައަކަށް ވެއްޓުން ނޫންބާއެވެ.