މިނިވަންއެމްޑީޕީ ނޫން ޕާޓީއަކުން ފުރަތަމަ ފަހަރަށް ޢާންމު ޖަލްސާއެއްގައި ލާމަރުކަޒީ ބާރުތަކާއި، ފަނޑިޔާރުގޭގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަމާއި، ވައްކަމާއި، އަސާސީ ހައްގުތަކާއި، ހިޔާނާތުގެ ވާހަކަ ދައްކައިފި އެވެ.
ގިނަ ޕާޓީ އެކުލެވޭ ނިޒާމަކަށް ދިވެހި ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް 2000 ގެ އަހަރުތަކުގެ ކުރީކޮޅު މޯލްޑިވްސް ޑިމޮކްރަޓިކް ޕާޓީ އެމްޑީޕީ ނިކުމެ އޭރު އޮތް ސަރ
ުކާރާ ދެކޮޅަށް ކުރަމުންދިޔަ މަސައްކަތުގައި އެންމެ ބޮޑަށް އެ ޕާޓީން ވަކާލާތު ކުރަމުން ދިޔައީ، ދިވެހި ރައްޔިތުންނަށް ހައްގު މިންވަރު ލިބެމުން ނުދާ ކަމަށާއި، ފަނޑިޔާރުގެ މިނިވަން ވާން ޖެހޭނެ ކަމަށާއި، ރަށްރަށުގެ ރައްޔިތުންނަށް އެރަށްރަށުގެ ކަންކަން ނިންމުމުގައި ބަސްބުނުމުގެ ހައްގު ލިބެންޖެހޭނެ ކަމަށާއި، ނޫސްވެރިންނަށް ބިރެއްނެތި ރައްޔިތުންނާ ހަމައަށް ކަންކަމުގެ ހަގީގަތް ހާމަކުރުމުގެ ފުރުސަތު ލިބިދޭން ޖެހޭނެ ކަމަށާއި، ފަނޑިޔާރު ގެއަކީ ނުފޫޒުން އެއްކިބާވެ އަދުލު އިންސާފު ލިބޭ ތަނަކަށް ވާން ޖެހޭނެ ކަމަށެވެ.
2008 ވަނަ އަހަރަށްފަހު ގިނަ ސިޔާސީ ޕާޓީ ތައް އެކުލެވޭ ނިޒާމަކަށް ދިވެހި ރާއްޖެ ބަދަލުވެ ފެހި ގާނޫނު އަސާސީ ގެ ދަށުން ވެރިކަން ކުރަންފެށީންސުރެ މިއަދާ ހަމައަށް ސިޔާސީ ޕާޓީތަކުން ގެންގުޅެފައިފާ ސިޔާސީ ފަލްސަފާ އަށް ބަލާއިރު އެމްޑީޕީ ނޫން ސިޔާސީ ޕާޓީ ތަކުން ބޮޑަށް ފެނިގެން ގޮސްފައިވަނީ ނެޝަނަލިސްޓް ވިސްނުމުގައި ކެމްޕެއިންތައް ކޮށް އެ މުޅިންވެސް އެ ދާއިރާއިން ވާހަކަ ދައްކަމުންގެންދާ ތަނެވެ.
ނަމަވެސް ރައީސް ޔާމީން އިސްވެ ހުންނަވައި އުފައްދަވާފައިވާ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އިން
ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި (ވޭކްއަޕް) ޖަލްސާގައި ރައީސް ޔާމީން ވެސް އަދި ވާހަކަ ދެއްކެވި އެހެން ބޭފުޅުންވެސް މުޅިންވެސް ދައްކާފައިވަނީ ކުރިން މި ބުނި ފަދައިން ލާމަރުކަޒީ ބާރުތަކާއި، ފަނޑިޔާރުގޭގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަމާއި، ވައްކަމާއި، އަސާސީ ހައްގުތަކާއި، ހިޔާނާތުގެ ވާހަކަ ދެއްކެވި ތަނެވެ.
ވީ ކީއްތޯ އެވެ. މިހާރު ވެރިކަމުގެ ތިއްބެވި ފަރާތްތަކަކީ ކުރިން މި ބުނިފަދައިން ސިޔާސީ މަސައްކަތްކުރި ކުރި ޑީއާރުޕީ އާއި ޕީޕީއެމްގެ އެއްބައެވެ. އޭގެ އަނެއް ބައި މިހާރު މިތިބީ ރައީސް ޔާމީން އަރިހުގައި ޕީއެންއެފް ގައެވެ.
އެހެންކަމުން އޭރުވެސް މިހާރުވެސް މިބުނި އެ ފިކުރުގެ ފަރާތްތައް ވެރިކަން ކުރާ އިރު ދުރުން ބަލްން ތިބޭ މީހުންނަށް މުޅިންވެސް ފެންނާނީ ޑިމޮކްރަސީގެ އަސާސްތައް އެއްކައިރިކޮށް ވެރިކަމުގެ ބާރުގެ ތެރެއަށް ހުރިހާ ބާރުތަކެއް ޖަމާކޮށް އެ ފަރާތްތަކުގެ ނަޒަރުގައި ގައުމަށްޓައި އެންމެ ރަގަޅު ގޮތަކީ ހަމައެކަނި ވެރިކަމުގެ ބާރު ބޭނުންވާ ގޮތަށް ދެންތިބި ފަރާތްތަކުންވެސް ނުވަތަ މިނިވަން މުވައްސަސާ ތަކުންވެސް ފަނޑިޔާރުގެއިން ވެސް ރައްޔިތުންގެ މަޖިލީހުންވެސް ކަންކަން ކޮށްދިނުމެވެ. އަދި މީޑިއާ ތަކުންވެސް ވެރިކަމުގެ ބާރުން ކުރާ ނޭންގާނީ ކަންކަންވެސް ނުފެންނަ ކަމަށް ހަދައިގެން ތިބުމެވެ. ނުވަތަ ވެރިކަމުގެ ބާރުން ދައްކަން ބޭނުންވާ މަންޒަރުތައް ފިޔަވައި އެހެން އެއްވެސް ކަމެއް ރައްޔިތުންނާ ހަމައަށް ނުގެންދިއުމެެވެ.
ނަމަވެސް އެހެންކަމުން އެމަންޒަރު ބަލަން ޕީޕީއެމް އިން ނުކުމެ ރައީސް ޔާމީން އާއިއެކު ޕީއެންއެފް ހަދައިގެން ތިއްބެވި ބޭފުޅުންނަށް މި އަދު މިއޮތީ އެމަންޒަރު ފެނި އެވާހަކަތައް ދައްކަން މަޖުބޫރުވެފައެވެ.
މިއަދު ރައީސް ޔާމީނަށްވެސް އަދި ޕީއެންއެފް ގައި ދެން ތިއްބެވި ފަރާތްތަކަށްވެސް އެވަނީ ވެރިކަމުގެ ބާރުން ގާނޫނު ހަދާ ބާރުގެ ތެރެއަށް ނުފޫޒް ފޯރުވީމައި، އަދި އަދުލު އިންސާފް ގާއިމް ކުރާ ބާރުގެ ތެރެއަށް ނުފޫޒް ފޯރުވީމައި ދެން އެވާ ގޮތް ރަނގަޅަށް ފެނި ތަޖުރިބާ ކުރަންޖެހިފައެވެ. އެހެންކަމުން މިއަދު އެ ބޭފުޅުންނަށްވެސް އޭރު އެމްޑީޕީން ދައްކަމުންދިޔަ ވާހަކަތައް މިވަނީ ދައްކަން ޖެހިފައެވެ.