ފާއިތުވި 20 އަހަރުގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގާތްގަނޑަކަށް 1،700 އެއްހާ ނޫސްވެރިން މަރާލާފައިވާ ކަމަށް ރިޕޯޓާސް ވިތައުޓް ބޯޑާ (އާރްއެސްއެފް) އިން ބުނެފިއެވެ.
އެ ޖަމިއްޔާއިން ބުނީ މިއީ އަހަރަކު އެވްރެޖްކޮށް 80 އަށް ވުރެ ގިނަ ނޫސްވެރިން ދުނިޔޭގެ އެކި ކަންކޮޅުގައި މަރުވާކަމަށެވެ. އާރްއެސްއެފްގެ ސެކްރެޓަރީ ޖެނެރަލް ކްރިސްޓޮފް ޑެލޯއިރޭ ވިދާޅުވި ގޮތުގައި އެ އަދަދުތަކުގެ ފަހަތުގައި ތިބީ މައުލޫމާތު އެއްކުރުމާއި ހަގީގަތް ހޯދުމާއި ނޫސްވެރިކަމަށް އޮތް ޝައުގުވެރިކަމަށްޓަކައި ފުރާނަ ގުރުބާން ކުރި ނޫސްވެރިން ކަމަށެވެ.
ޕެރިސްގެ މީޑިއާ އެޖެންސީއަކުން ސިފަކޮށްފައިވާ ގޮތުން 2003 ވަނަ އަހަރާއި 2022 ވަނަ އަހަރާ ދެމެދުގެ ދެ އަހަރަކީ ހާއްސަކޮށް މައުލޫމާތު ދިނުމުގެ ހައްގުގެ ހިދުމަތުގައި ތިބި މީހުންނަށް ނުރައްކާތެރި ދުވަސްތަކެއް ކަމަށެވެ.
ދާދި ފަހުން އަލްޖަޒީރާގެ ޓީވީ ކޮރެސްޕޮންޑެންޓެއްގެ ގޮތުގައި 25 އަހަރު ވަންދެން މަސައްކަތްކުރި ޝީރީން އަބޫ އަކްލޭހް، އިސްރާއީލު ސިފައިން ވަނީ މަރާލަފައެވެ. އޭނާ މަރާލާފައިވަނީ ހުޅަނގު އައްސޭރީގެ ޖެނިންގައި ހުންނަ ރެފިއުޖީ ކޭމްޕަކަށް އިސްރާއީލުގެ އަސްކަރިއްޔާއިން ދިން ހަމަލާއެއް ކަވަރު ކުރަމުން ދަނިކޮށެވެ. އަލްޖަޒީރާގެ 12 ނޫސްވެރިއަކު ވަނީ މިހާތަނަށް މަރުވެފައެވެ.
އާރްއެސްއެފުން ބުނީ ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރަން އެންމެ ނުރައްކާތެރި ގައުމަކީ އިރާގާއި ސީރިއާ ކަމަށެވެ. ނޫސްވެރިންނަށް "އެންމެ އަނދިރި އަހަރުތަކަކީ" 2012 ވަނަ އަހަރާއި 2013 ވަނަ އަހަރެވެ. އެގޮތުން 2012 ވަނަ އަހަރު 144 ނޫސްވެރިން މަރާލާފައިވާއިރު އޭގެ ފަހުން 142 މީހުން މަރާލާފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ.
2022 ވަނަ އަހަރު އަނެއްކާވެސް މަރުވާ މީހުންގެ އަދަދު އިތުރުވީ ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުންނެވެ. މިއަހަރުގެ މިހާތަނަށް 58 ނޫސްވެރިއަކު މަރާލާފައިވެއެވެ. އެއީ މިދިޔަ އަހަރު މަރުވި ނޫސްވެރިންނަށްވުރެ އިތުރު އަދަދެކެވެ. 2021 ވަނަ އަހަރު މަރުވީ 51 ނޫސްވެރިންނެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާއިން ޔޫކްރެއިނަށް އަރައި ހަމަލާ ދޭން ފެށި ފަހުން މިހާތަނަށް އަށްނޫސްވެރިއަކު ވަނީ ޔޫކްރެއިންގައި މަރާލާފައެވެ. މިދިޔަ 19 އަހަރުގެ ތެރޭގައި އެ ގައުމުގައި މަރުވީ 12 ނޫސްވެރިންނެވެ.
ފާއިތުވި 20 އަހަރުގެ ތެރޭގައި ރަޝިޔާގައި 25 ނޫސްވެރިން މަރާލާފައިވެއެވެ. މީޑިއާތަކަށް މިހާރު ޔޫރަޕްގައި އޮތް އެންމެ ނުރައްކާތެރި ގައުމަކީ ޔޫކްރެއިންއެވެ.